ގިނަ ލީޑަރުން ގައުމަށް ވުރެ އިސްކަން ދެނީ ބާރުތައް ހޯދަން ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަން ހިންގުމަށް އަމިއްލަ ޕާޓީ، އެމްޑީޕީގެ އެހީތެރިކަން ނުލިބޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ.
މަވޯޓާ ޝަރީފް އެހެން ވިދާޅުވެފައިވާ އިރު، އެމްޑީޕީގެ ތެރޭގައި އަދި ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް ސޯލިހާ ދެމެދު ވަނީ ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. އެގޮތުން ރައީސް ނަޝީދު ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ދާދިފަހުން ރައީސް ނަޝީދު ވަނީ ޕްރައިމަރީގައި ވާދަކުރާނެ ކަމަށާއި 2023ގެ އެމްޑީޕީގެ ކެންޑިޑޭޓަކީ އެމަނިކުފާނު ކަމަށް ވެސް ވިދާޅުވެފައެވެ.
ޝަރީފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަން ނިމުމަކަށް ގެނެސްފައިވަނީ ހެޔޮ ބަދަލަކަށް އެދިގެން ކަމަށާއި އެ ބަދަލާއެކު ހުރިހާ މައްސަލައަކަށް ވެސް ހައްލު ލިބިގެންދާނެ ކަމަށް ގިނަ ބަޔަކު އުންމީދުކުރި ކަމަށެވެ.
"ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ހުޅުވި، ކަންތައްތަކަކަށް ހެޔޮ ބަދަލުތަކެއް އައި. އެކަމަކު ހަގީގަތަކީ ކަންތައްތައް ދަނީ ގޯސްވަމުން. ގިނަ ސިޔާސީ ލީޑަރުން ގައުމުގެ ރައްޔިތުންގެ ކުރިމަގަށް ވުރެ، ބޮޑު އިސްކަމެއް ދެނީ ބާރުތައް ހޯދަން. ރައީސް ސޯލިހަށް ގައުމު ކުރިއަށްގެންދިއުމަށް އަމިއްލަ ޕާޓީގެ އެހީއެއް ވެސް ނުލިބޭ،" އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ގައުމުގެ ކުރިމަގަށްޓަކައި އެމްޑީޕީން އަމިއްލަ ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށާއި ސިޔާސީ މައްސަލަތަކަށް މަޝްވަރާކޮށްގެން ހައްލު ހޯދޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު