ޓީވީ ހޮސްޓެއްގެ ގޮތުގައި މަސައްކަތްކުރުން ހުއްޓާލައި ގޮނޑީގައި އިށީންނަންވީ ވަގުތު ޖެހިއްޖެ ކަމަށް އަދިތިޔަ ނަރަޔަން ބުނެފިއެވެ.

ލަވަކިޔުންތެރިޔާ އަދިތިޔަ ނަރަޔަން މިހާތަނަށް ފާހަގަވެފައިވަނީ ލަވަކިޔުންތެރިއަކަށް ވުރެ ބޮޑަށް ގިނަ ޓީވީ ޝޯތަކެއް ހޮސްޓްކޮށްދިނުމުގައި ކުޅަދާނަ އެންކަރެއްގެ ގޮތުގައެވެ.

މިހާރުވެސް އިންޑިއަން އައިޑޮލް12 ހޮސްޓުކޮށްދެމުން އަންނަ އަދިތިޔަ ވަނީ މީގެ ކުރިން ސަރެގަމަޕަ އަދި ރައިސިން ސްޓާ ފަދަ މަޝްހޫރު ޝޯތައް ހޮސްޓުކޮށްދީފައެވެ.

15 އަހަރު ވަންދެން އެންކަރެއްގެ ގޮތުގައި ކާމިޔާބު އެތައް ޝޯތަކެއް ހުށަޅައިދީފައިވާ އަދިތިޔަ މިވަނީ އޭނާ އެ މަސައްކަތާ ދުރަށް ދިއުމަށް ނިންމާފައިވާ ކަމަށް ބުނެފައެވެ.

ޓައިމްސް އޮފް އިންޑިއާއަށް ދީފައިވާ އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ މި ދާއިރާގައި ގިނަބަޔަކާއެކު ރަނގަޅު ގުޅުންތަކެއް އުފެދިފައިވާ ކަމަށާއި އެގޮތުން ކުއްލިއަކަށް ވަކިވާން ބޭނުން ނުވާ ކަމަށެވެ. އެގޮތުން އެ ދާއިރާއާ ރީތިގޮތުގައި ދުރުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އޭނާ ހޮސްޓެއްގެ ގޮތުގައި ފެނިގެންދާނީ އަންނަ އަހަރު އެކަނި ކަމަށް ވެސް ވަނީ ބުނެފައެވެ.

އަދިތިޔަ އިތުރަށް ބުނީ ޓީވީއާ މުޅީން ދުރަށް ދާން ނިންމާފައި ނުވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އޭނާ ޓީވީން ފެންނަން ބޭނުންވަނީ ގޭމް ޝޯއެއްގައި ބައިވެރިވެގެން ނުވަތަ ޖަޖެއްގެ ގޮތުގައި ކަމަށެވެ.

''ޕްރޮގްރާމްތައް ހުށަހަޅައިދިނުމަށް އަބަދުހެން ކޮޅަށް ހުންނަން ޖެހޭ، ކޮޅަށް ހުރެހުރެ ފައިގެ މައްސަލަތައް ޖެހެން ފަށައިފި، މިހާރު ދެން ގޮނޑިއެއްގައި އިށީންނަން ވީ ވަގުތު ޖެހިއްޖެ!'' ހެމުން އަދިތިޔަ ބުނެފައިވެ އެވެ.