ގްރޭޓާމާލެ ގްރިޑް އެނަޖައިޒް ކުރުމުގެ މަސައްކަތަށް ދެ ދުވަސް އިތުރުކޮށްފައިވާއިރު، އެ ދެ ދުވަހު ވެސް މާލެ އާއި ހުޅުމާލެ އިން އެކި ގަޑިތަކުގައި ކަރަންޓް ކެނޑުމުގެ ފުރުސަތު އޮވެދާނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު އެ މަސައްކަތް ފެށީ މިއަދު ނިންމާލުމަށެވެ. އެހެން ނަމަވެސް އެ މަސައްކަތަށް އަދި އިތުރު ދެ ދުވަސް ބޭނުންވާ ކަމަށް ސްޓެލްކޯ އިން މިއަދު ވަނީ ބުނެފަ އެވެ.

"ގްރޭޓާމާލެ ގްރިޑްގެ މަސައްކަތް ކުރިން ރޭވިފައި އޮތް ދުވަސް ތަކުގެ އިތުރުން މިމަހުގެ 23 އަދި 24 ވާ ހުކުރު އަދި ހޮނިހިރުގައިވެސް ކުރާ ގޮތަށް މިހާރު ވަނީ ހަމަޖެހިފައި،" ސްޓެލްކޯއިން ކުރި ޓުވީޓެއްގައި ބުނެފައިވެ އެވެ.

އިތުރު ޓެކްނިކަލް މައްސަލައެއް ދިމާ ނުވާ ނަމަ، ހޮނިހިރު ދުވަހަކީ އެ މަސައްކަތުގެ ފަހު ދުވަހަށް ވާނެ ކަމަށް ވެސް ސްޓެލްކޯ އިން ބުނެ އެވެ. އަދި އެ ދެ ދުވަހުވެސް ހުޅުމާލެ އާއި، މާލެއިން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.

މިއަދު ވެސް އެ މަސައްކަތް ކުރިއަށްދާއިރު ހަވީރު 5:00 ޖެހުމާ ހަމައަށް ކަރަންޓް ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ.

ގްރޭޓާ މާލެ ގްރިޑް އެނަޖައިޒް ކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް އިއްޔެ ވަނީ މުޅި މާލެއިން ކަރަންޓު ކެނޑިފަ އެވެ. ނަމަވެސް ދޮޅު ގަޑިއިރެއްގެ ތެރޭގައި ހުރިހާ ހިސާބަކަށް އަލުން ވަނީ ކަރަންޓު ދީފަ އެވެ.