ކޮވިޑުގެ ވެކްސިންގެ ޑޯޒް ފުރިހަމަކުރުމަށް ފަހު ދެ ހަފުތާވެފައިވާ ފަތުރުވެރިންނަށް ރަށްރަށުގެ ގެސްޓްހައުސްތައް ހުޅުވާލަން ނިންމައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، މިމަހުގެ 26 ވަނަ ދުވަހުގެ ފަހުން 72 ގަޑިއިރު ނުވާ ޕީސީއާރު ނަތީޖާއަކާއެކު ރާއްޖެ އެތެރެވާ ވެކްސިންގެ ޑޯޒް ފުރިހަމަކޮށްފައިވާ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްތަކުގައި ހުންނަ ގެސްޓްހައުސްތަކަށް ދެެވޭނެ ކަމަށެވެ.

ވެކްސިންގެ ޑޯޒް ފުރިހަމަކޮށްފައިވާ ފަތުރުވެރިންނާއެކު ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުދިންނަށްވެސް މީހުން ދިރިއުޅޭ ރަށްތަކުގައި ހުންނަ ގެސްޓްހައުސްތަކުގައި ތިބެވޭނެއެވެ.

އެޗްޕީއޭއިން ބުނީ، މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓްހައުސްތަކުން ފަތުރުވެރިން ޗެކްއައުޓް ވެވޭނީ، ނެގެޓިވް ޕީސީއާރު ނަތީޖާއެއް އޮވެގެން ކަމަށެވެ.

ވަކި ޕަސަންޓަކަށް ވެކްސިން ފުރިހަމަކޮށްފައިވާ މީހުން ދިރިއުޅޭ ރަށްތަކުގައި ހުންނަ ގެސްޓްހައުސްތަކަށް ވެކްސިންގެ ޑޯޒް ފުރިހަމަ ނުކުރާ ފަތުރުވެރިންނަށް ދަތުރުކުރުމުގެ ފުރުސަތު ދިނުމަށް ވެސް ވަނީ ނިންމައިފައެވެ.

  • ރަށުގައި ދިރިއުޅޭ އާބާދީގެ 60 އިންސައްތައަށް ވެކްސިން ޑޯޒް ފުރިހަމަކޮށްފައިވުން
  • ރަށްރަށުގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމުގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތައް ހިމެނޭ ގޮތަށް 95 އިންސައްތަ މީހުންނަށް ވެކްސިންގެ ޑޯޒް ފުރިހަމަވެފައިވުން
  • ރަށުގައި ދިރިއުޅޭ 65 އަހަރުން މަތީގެ އާބާދީގެ 90 އިންސައްތަ މީހުން ވެކްސިން ޑޯޒް ފުރިހަމަކޮށްފައިވުން

އެޗްޕީއޭއިން އިތުރަށް ބުނީ، ފަތުރުވެރިން ރާއްޖެއަށް ދަތުރުކުރާ ގައުމުތަކުގައި ބަލީގެ ހާލަތު އޮތްގޮތަށް ބަލައި މިހާރު ދޭން ނިންމާފައިވާ ލުއިތަކަށް ބަދަލުތައް ގެންނާނެ ކަމަށެވެ.