ގްރޭޓާމާލެ ގްރިޑް އެނަރޖައިޒް ކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް މުޅި މާލެ އިން ކަރަންޓް ކެނޑިއްޖެ އެވެ.

ސްޓެލްކޯ އިން ބުނީ، ގްރޭޓާ މާލެ ގްރިޑްގެ ދެެވަނަ ސާކިޓް އެނަޖައިޒް ކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް މުޅި މާލެއިން ވަނީ ކަރަންޓު ކެނޑިފައި ކަމަށާއި ކަރަންޓް ދިނުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން މިގެންދަނީ މިހާރު ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން. މުޅި މާލެއަށް ކަރަންޓު އަލުން ދިނުމަށް ގަޑިއެއްހާއިރު ހޭދަވާނެ ކަމަށް ބެލެވޭ،" ސްޓެލްކޯގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

މެންދުރު 12 ޖަހަން ގާތް ވެފައި ވަނިކޮށް މުޅި މާލެއިން ކަރަންޓް ކެނޑިފައިވާއިރު، އޭގެ ބައިގަޑިއިރެއްހާއިރު ފަހުން ވަނީ ބައެއް ސަރަހައްދުތަކަށް ކަރަންޓު ދޭން ފަށާފަ އެވެ. އަދި ގަޑިއެއްހާއިރު ތެރޭގައި މާލޭގެ ހުރިހާ ސަރަހައްދުތަކަކަށް ކަރަންޓްދީ ނިންމާލެވޭނެ ކަމަށް ވެސް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ.

ހަތަރު ދުވަހަށް ބަހާލައިގެން ގްރޭޓާމާލެ ގްރިޑް އެނާޖައިޒް ކުރުމުގެ މަސައްކަތް ފަށާފައިވާއިރު މިއަދު މިއީ އެ މަސައްކަތުގެ ފަހު ދުވަހެވެ. އަދި އެކި ވަގުތުތަކުގައި ކަރަންޓް ކެނޑިދޭނެ ކަމަށް ސްޓެލްކޯއިން އޮތީ މީގެ ކުރިން ބުނެފަ އެވެ.

މިއަދު ކުރިއަށް ދާނީ ހުޅުލޭގެ ސަބްސްޓޭޝަން އެނަޖައިޒް ކުރުމުގެ މަސައްކަތެވެ. އެއީ ގްރޭޓާ މާލޭ ގްރިޑް ކަނެކްޝަން މާލެއާއި، ހުޅުމާލެ އަދި ހުޅުލެގެ ކަރަންޓު ވިއުގަ 132ކޭވީ ގެ ހަތް ކިލޯމީޓަރުގެ ދެ ސާކިޓުން ގުޅައިލެވޭ މަޝްރޫއެވެ.

އެ މަޝްރޫއުގައި ހުޅުމާލެ އަދި މާލޭގައި 95 އެމްވީއޭގެ ޖުމްލަ ހަތަރު ޓްރާންސްފޯމަރާއި، އަދި ހުޅުލޭގައި 8އެމްވީއޭގެ ދެ ޓްރާންސްފޯމަރު ވަނީ ބަހައްޓައިފައެވެ. މި ކަރަންޓު ވިއުގައިން ކޮންމެ ސާކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ގާބިލުކަން ލިބޭނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. ނަމަވެސް އެ ދުވަހު ކަރަންޓު ކެނޑުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.