ވިޔަފާރި މަޝްރޫއުތަކުން ލިބޭ އާމްދަނީން ޓެކްސް ނެގުމުން އިސްތިސްނާ ކުރުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށް ހިމަނައި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
މި މަހުގެ އަށް ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން އެ ބިލް ފާސްކޮށްފައިވަނީ ހާޒިރުވެވަޑައިގެން ތިއްބެވި 48 މެންބަރުގެ ތެރެއިންގެ 41 މެންބަރުން ވޯޓުންނެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރަކެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު ހުށަހެޅުއްވި އެ ބިލުގައި، އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ފަހަތަށް، އާމްދަނީން ޓެކްސް ދެއްކުމަށް ދެވޭ ހާއްސަ އިސްތިސްނާ ކަނޑައަޅައި 1-12ގެ ގޮތުގައި މާއްދާއެއް އިތުރު ކުރަން ވަނީ ހިމަނައިފައެވެ.
އެ މާއްދާގައި ބުނެފައި ވަނީ އެ ގާނޫނުގައި އެހެން ގޮތަކަށް ބަޔާން ކޮށްފައިވީ ނަމަވެސް، އެ މާއްދާގައި ބަޔާން ކޮށްފައިވާ ހާލަތްތަކުގައި، ވަކި ވިޔަފާރި މަޝްރޫއުތަކަކުން ނުވަތަ ދާއިރާތަކަކުން ލިބޭ އާމްދަނީން ޓެކްސް ނެގުމުން އިސްތިސްނާ ކުރުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށެވެ. އެގޮތަށް އިސްތިސްނާ ކުރެވޭ މަޝްރޫއުތަކާއި ދާއިރާތައް ކަނޑައަޅާނީ، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ކަމަށްވެސް ބުނެފައިވެއެވެ.
އެ މާއްދާގައި އިތުރަށް ބުނެފައި ވަނީ، އިސްތިސްނާ ދިނުމަށް ކަނޑައެޅޭ މަޝްރޫއުތައް ނުވަތަ ދާއިރާތައް ކަނޑައެޅުމަށްފަހު އެކަން ކުރެވޭނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މުއްދަތަކަށް ކަމަށެވެ. އަދި އިސްތިސްނާ ދިނުމުގައި ރިއާޔަތް ކުރަން ޖެހޭ ކަންކަންވެސް އެ މާއްދާގައި ވަނީ ކަނޑައަޅައިފައެވެ.
އެ އިސްތިސްނާ ހޯދުމަށް އެދި ހުށަހެޅުމާއި ފުރިހަމަ ވާން ޖެހޭ ޝަރުތުތައް ހިމެނޭ އުސޫލެއް ފިނޭންސް މިނިސްޓްރީން ތައްޔާރުކުރަން ޖެހޭއިރު، އެފަދަ އިސްތިސްނާއެއް ދެވޭ ފަރާތްތައް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން އޮޑިޓު ކުރަންވާނެ ކަމަށް ވެސް ވަނީ ކަނޑައަޅައިފައެވެ.
އެގޮތަށް އިންކަމް ޓެކްސް މާފު ކޮށްދޭ ފަރާތަކުން ސައްހަ ނޫން މައުލޫމާތެއް ދިނުން، މަޝްރޫއު ހުއްޓާލުން ނޫނީ އެ ލުއި ދިން މަގުސަދު ހާސިލު ނުވުން ފަދަ ހާލަތެއްގައި އެގޮތަށް ދެވޭ އިސްތިސްނާއެއް ބާތިލު ކުރުމުގެ އިހުތިޔާރު ވެސް ބިލުން ރައީސަށް ވަނީ ލިބިދީފައެވެ.
ގާނޫނުގެ އިސްތިސްނާވާ އާމްދަނީގެ ގޮތުގައި ބައެއް މާއްދާތައް މި ބިލުން ވަނީ އިތުރުކޮށްފައެވެ. އޭގެ ތެރޭގައި އުޖޫރައިގެ ގޮތުގައި ލިބޭ ފައިސާ ނޫން އެހެން އިނާޔަތްތަކާއި މަންފާ ވަނީ ހިމަނައިފައެވެ.
އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސަށް ދައުލަތުން ހަމަޖައްސައިދޭ ގެކޮޅަށް ދައުލަތުން ކުރާ ހަރަދު އެ ދެ ބޭފުޅުންނަށް ލިބިވަޑައިގަންނަވާ އާމްދަނީގެ ގޮތުގައި ނުހިމަނަން ހިމަނާފައިވެއެވެ. އަދި ރައީސަށް ހާއްސަކުރެވޭ ކ. އަތޮޅު އާ ރަށަށް ކުރާ ހަރަދު ވެސް އިސްތިސްނާކޮށްފައިވާ އިނާޔަތެއްގެ ގޮތުގައި ވަނީ ހިމަނައިފައެވެ.
ރާއްޖޭން ބޭރުގައި ވަޒީފާ އަދާކުރާ ޑިޕްލޮމެޓުންނަށް މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ސަބަބުން ލިބޭ އިނާޔަތްތަކަށްވެސް އިންކަމް ޓެކްސް ނުހިނގާނެކަމަށް ހިމަނާފައިވެއެވެ.
މީގެ އިތުރުން ސަލާމަތީ ހިދުމަތްތަކުން ހިމާޔަތާއި ރައްކާތެރިކަން ދޭން ޖެހޭ ފަރާތަކަށް ސެކިއުރިޓީ ދިނުމަށް ދާ ހަރަދަކީ އެ ބޭފުޅަކަށް ލިބޭ އިނާޔަތެއްގެ ގޮތުގައި ނުހިމަނަން ވަނީ ހިމަނައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު