ކޮވިޑު ޖެހިގެން އިތުރު މީހަކު މަރުވެ، މި ބަލީގައި މަރުވި މީހުންގެ އަދަދު 217 އަށް އަރައިފިއެވެ.

ބ. އަތޮޅު ހޮސްޕިޓަލުން މިރޭ ބުނީ އެ ހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ ޒޯން ބީ ރީޖަނަލް ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ ރ. ދުވާފަރުގެ އުމުރުން 91 އަހަރުގެ ދިވެހި އަންހެނެއް މިރޭ ދަންވަރު 1:05 ގައި މަރުވެފައިވާ ކަމަށެވެ.

ފަހަކަށް އައިސް ކޮވިޑުގެ އަދަދުތަކާއެކު، މި ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް ވަނީ ދަށަށް ގޮސްފައެވެ. މިމަހުގެ ތެރޭގައި ކޮވިޑް ބަލީގައި މިހާތަނަށް މަރުވެފައިވަނީ ހަ މީހެކެވެ. އެންމެ ފަހުން ކޮވިޑުގައި މީހަކު މަރުވެފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އެ ދުވަހު މަރުވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 49 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއަދުގެ މަރާއެކު ރާއްޖެއިން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 217 އަށް އަރައިފައެވެ. ކޮވިޑުގައި ރާއްޖެއިން މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 200 ދިވެހީންނާއި 17 ބިދޭސީންނެވެ.

މި ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނި 13 މީހަކު ވަނީ މަރުވެފައެވެ.

ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.