ބަންގުލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް 500 ކިލޯގެ އަނބު ހަދިޔާކުރައްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، މި އަނބު ފޮށިގަނޑު ރައީސް ސޯލިހާ ހަވާލުކުރެއްވީ ބަންގުލަދޭޝްއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު ނަޒްމުލް ހަސަން ކަމަށެވެ. ރައީސްގެ ފަރާތުން މިއަދު އަނބުތަކާ ހަވާލުވެވަޑައިގެންނެވީ ފޮރިން މިނިސްޓްރީގެ ޗީފް ޕްރޮޓޮކޯލް އައިޝަތު ޝާން ޝާކިރެވެ.

އަނބުތަކާ ހަވާލުވެވެޑައިގެންނެވުމަށް ފަހު ޝާން ވިދާޅުވީ އެކަމުގެ ސަބަބުން ދެގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުން ރަމްޒުކޮށްދޭ ކަމަށެވެ.

ރައީސް ސޯލިހަށް ހަދިޔާކުރައްވާފައިވަނީ އެ ގައުމުގައި މަޝްހޫރު އަނބުގެ ވައްތަރެއް ކަމަށްވާ "ހަރިވަންގާ" އަނބެވެ.

ޝައިހް ހަސީނާ ރައީސް ސޯލިހަށް އަނބު ހަދިޔާކުރެއްވި އިރު، އެކަމަނާ ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ވެސް ހަރިވަންގާ އަނބު ހަދިޔާކުރައްވައިފައެވެ.