ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން އަނބުރާ އާއިލާތަކާއި ހަވާލުކުރުމާ ބެހޭ ކަންކަން ހިންގުމުގައި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްއަށް ލަފާދިނުމަށް ކޮމެޓީއެއް އެކުލަވާލަން ޖެހޭ ގޮތަށް ގަވާއިދެއް ހަދައިފިއެވެ.

ޖެންޑާ މިނިސްޓްރީގެ ދަށުގައި އޮންނަ ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސާވިސްއިން އާންމުކޮށްފައިވާ އެ ގަވާއިދުގައި ބުނެފައިވަނީ، ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން އަނބުރާ އާއިލާތަކާ ހަވާލުކުރުމުގައި އެ ސާވިސްއަށް ލަފާދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރާނީ އެ ކޮމެޓީން ކަމަށެވެ.

ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމެޓީ އެކުލަވައިލުމުގެ ބާރު އޮންނަނީ ޖެންޑާ މިނިސްޓަރަށެވެ.

  • ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްގެ ކޭސް މެނޭޖްމަންޓުގެ ސިވިލް ސާވިސްގެ މުވައްޒަފުންގެ އިސް ފަރާތެއް.
  • ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންގެ އެންމެހައި ކަންކަން ބެލެހެއްޓުމާ ހަވާލުވެ ހުރި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްގައި މަސައްކަތްކުރާ ގާނޫނީ ވަކީލެއް.
  • ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިންގެ އެންމެހައި ކަންކަން ބެލެހެއްޓުމާ ހަވާލުވެ ހުރި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްގައި މަސައްކަތްކުރާ ސައިކޮލޮޖިސްޓެއް.
  • ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުޑަކުދިން ބަލަހައްޓާ މަރުކަޒުތަކުގެ ތެރެއިން މަރުކަޒެއްގެ ސިވިލް ސާވިސްގެ މުވައްޒަފުންގެ އިސް މުވައްޒަފެއް.
  • ޖެންޑާ މިނިސްޓްރީގެ ސޯޝަލް ސާވިސް ޑިޕާޓްމަންޓުގެ ސިވިލް ސާވިސްގެ މުވައްޒަފެއް.

ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމެޓީގެ ރައީސާއި ނައިބު ރައީސް ހޮވަން ޖެހެނީ މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުއްޖަކާ އާއިލީ ގުޅުމެއް އޮންނަ ފަރާތަކަށް އެ ކޮމެޓީގެ މެންބަރަކަށް ނުވެވޭނެއެވެ. އަދި ކުޑަކުއްޖަކަށް ޖިންސީ އަނިޔާއެއް، ނުވަތަ ޖިސްމާނީ އަނިޔާއެއް، ނުވަތަ ނަފްސާނީ އަނިޔާއެއް ކުރިކަން ނުވަތަ އިހުމާލުވެފައިވާ ނުވަތަ އެފަދަ އަމަލަކަށް އެއްވެސް ސިފައެއްގައި އެހީތެރިވެދީފައިވާ ނުވަތަ ބައިވެރިވެފައިވާ ނުވަތަ ކުރަން އުޅެފައިވާކަމުގެ ތުހުމަތެއް ކުރެވިފައިވާކަމުގެ އެއްވެސް ރިކޯޑެއް، ކަމާ ގުޅުންހުރި އެއްވެސް އިދާރާއެއްގައި އޮތް ފަރާތެއް ވެސް އެ ކޮމެޓީއަކަށް ނުލެވޭނެއެވެ.

ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން އަލުން އެކުދިންގެ އާއިލާއާ ހަވާލުކުރުމަށްޓަކައި، އެކުދިންގެ އާއިލާތައް ހޯދުމަށްފަހު، އޭގެ ތެރެއިން އެކުދިން ބެލެހެއްޓުމާ ހަވާލުވާން ތައްޔާރަށް ތިބި ފަރާތްތަކުގެ އެސެސްމަންޓް ހަދަން ޖެހޭނެއެވެ. އެކުދިން ބެލެހެއްޓުމަށް ހަވާލުކުރަން އެންމެ އެކަށީގެންވާ ފަރާތަކީ ކޮބައިކަން ނިންމާނީ އެ ކޮމިޓީންނެވެ.