މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި 63 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
އެމްޓީސީސީން މިއަދު އާންމު ކުރި އެކުންފުނީގެ މިއަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި އެކުންފުނިން މިއަހަރުގެ ދެވަނަ ކުއާޓަރުގައި ވަނީ 423 މިލިއަން ރުފިޔާގެ ވިޔަފާރި ކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކުންފުނިން ކުރީ 354 މިލިއަން ރުފިޔާގެ ވިޔަފާރިއެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުގައި ޓެކުހަށް ކެނޑުމުގެ ކުރިން އެމްޓީސީސީއަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނީ 83.08 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން އެމްޓީސީސީއަށް ލިބިފައިވަނީ 27 މިލިއަން ރުފިޔާ އެވެ. އެހެން ކަމުން މި އަހަރުގެ މިދިޔަ އަހަރާއި އަޅައި ބަލާއިރު މި އަހަރުގެ ދެވަނަ ކުއާޓާރުގައި ލިބުނު އާމްދަނީ މި ވަނީ ތިން ގުނަ އިތުރުވެފަ އެވެ.
ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެމްޓީސީސީއަށް ލިބުނީ 63.04 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި އެކުންފުންޏަށް ލިބުނީ 15 މިލިއަން ރުފިޔާއެވެ. އެއާއެކު އެކުންފުނީގެ ހިއްސާއަކަށް މި އަހަރުގެ ދެވަނަ ކުއާޓާރުގައި ޖެހުނު ފައިދާ ވަނީ 7.84 ރުފިޔާއަށް އަރައިފައެވެ.
މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެމްޓީސީސީން ވަނީ 86 މަޝްރޫއެއްގެ މަސައްކަތްކޮށް، ދެ މަޝްރޫއެއްގެ މަސައްކަތް އެއްކޮށް ނިންމާލައިފައެވެ. އަދި ދެވަނަ ކުއާޓާރުގައި އަލަށް ވަނީ ނުވަ މަޝްރޫއެއްގެ މަސައްކަތް ފަށައިފަ އެވެ.
މިދިޔަ 40 އަހަރުގެ ތެރޭގައި އެމްޓީސީސީއަށް މާލީ ގޮތުން ރެކޯޑު އަދަދަކަށް ފައިދާ ވެފައިވަނީ މިދިޔަ އަހަރެވެ. އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރު 190.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެ ފައިދާއާއެކު އެމްޓީސީސީން ވަނީ މިއަހަރު ހިއްސާއަކަށް ތިން ރުފިޔާ ބަހަން ނިންމައިފައެވެ.
އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާއަށް ވުރެ މިއަހަރު ލިބޭ ފައިދާ އިތުރުވާނެ ކަމުގެ އުންމީދު ބޮޑުކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ. އެ ކާމިޔާބީގެ އަސްލަކީ ކުންފުނީގެ މުވައްޒަފުން ކަމަށާއި އަބަދުވެސް ބަލަނީ މުވައްޒަފުންނަށް ވީހާވެސް ރަނގަޅަކަށް ކަންކަން ކޮށްދެއްވުމަށް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ