މުނިފޫހިފިލުވުން

"ނަމަސްތޭ ލަންޑަން" ފްލޮޕް ވާނެ ކަމަށް ނިންމައި ފިލްމީ ކެރިއަރުވެސް ނިމުނީ ކަމަށް ހީކުރިން: ކެޓްރީނާ ކައިފް

1

ފިލްމު ނަމަސްތޭ ލަންޑަން ފްލޮޕް ވާނެ ކަމަށް ނިންމައި އެހައި ހިސާބުން އޭނާގެ ފިލްމީ ކެރިއަރު ވެސް ނިމުނީ ކަމަށް ހީކުރެވުނު ކަމަށް މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވަނީ ކޮފީ ވިތު ކަރަންގައި ބައިވެރިވެ ދެއްކި ވާހަކައެއްގެ ތެރެއިންނެވެ.

ކެޓްރީނާ ކައިފް ބޮލީވުޑަށް ތައާރަފު ވެފައި ވަނީ ޖެކީ ޝްރޮފް އަދި އައިޝާ ޝްރޮފް އުފެއްދި ''ބޫމް'' ކިޔާ ފިލްމަކުންނެވެ. އެ ފިލްމު ފްލޮޕް ވެ ޖެކީ އާއި އައިޝާއަށް އެއިރު ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނެވެ.

އެފިލްމަށްފަހު ''މެއިނޭ ޕިޔާރް ކިޔޫން ކިޔާ'' އަދި ''ހަމް ކޮ ދީވާނާ ކަރް ގައީ'' އިން ކެޓްރީނާ ފެނިގެން ގޮސްފައިވީ ނަމަވެސް އޭނާއަށް ބޮޑު މަގުބޫލުކަމެއް ލިބިގެން ގޮސްފައިވަނީ ''ނަމަސްތޭ ލަންޑަން'' އިންނެވެ.

ނަމަވެސް އެފިލްމުގައި އޭނާ ހުށަހަޅައިދީފައިވާ ރޯލު ގިނަ ބަޔަކު ބަލައި ނުގަންނާނެ ކަމަށް ގަބޫލުކުރި ކަމުގައި ކަޓްރީނާ ވަނީ ބުނެފައެވެ. ފިލްމުގެ ޑައިރެކްޓަރު ވިޕުލް ޝަރްމާ އޭނާއަށް ފިލްމު ދެއްކުމުން ބުނާނެ އެއްޗެއް ނޭނގި ނުކުމެގެން ދިޔަ ކަމަށާއި، ޑައިރެކްޓަރުގެ ފޯނަށް ޖަވާބު ނުދީ ގިނަ ދުވަސްތަކެއް ވާންދެން ހުރި ކަމަށްވެސް ކެޓްރީނާ ވަނީ ބުނެފައެވެ.

ނަމަވެސް ކަޓްރީނާ ހީކުރި ގޮތާ ހިލާފަށް އެފިލްމުގައި އޭނާ ހުށަހަޅައިދީފައިވާ ރޯލު ގިނަ ބަޔަކު ވަނީ ބަލައިގަނެފައެވެ. އޭގެ ސަބަބުން އޭނާއަށް އިންޑަސްޓްރީގެ ގިނަ ޑައިރެކްޓަރުންގެ ތައުރީފުވެސް ލިބިގެން ދިޔަ ކަމަށާއި އަދި އެއީ އެ ވަގުތަށް އޭނާއަށް ވަރަށް މުހިއްމު ކަމެއް ކަމަށް ކެޓްރީނާ ވަނީ ބުނެފައެވެ.

''ނަމަސްތޭ ލަންޑަން'' އަށްފަހު ކަޓްރީނާ ވަނީ ''ވެލްކަމް''، ''ރޭސް''، ''ޕާޓްނާ،'' ''ސިންގް އިސް ކިންގް''، ''ޒިންދަގީ މިލެގި ނާ ދޮބާރާ'' އަދި ''ބޮޑީގާޑު'' ފަދަ ކާމިޔާބު އެތައް ފިލްމުތަކެއް ކުޅެފައެވެ.