ވައިގެ ތެރޭގައި 6 ސުކުންތަށް ފެންނަން ހުންނަ ކުރެހުންތައް ކުރަހާ އިންޑިއާ ކުއްޖެއްގެ މަސައްކަތަށް ހާއްސަ ސަމާލުކަމެއް ލިބެން ފަށައިފި އެވެ.
ކެރެއްލާ ސްޓޭޓުގެ ޕައްޔަނޫރު (ކަންނަނޫރު)އަށް ނިސްބަތްވާ ކޭޕީ ރޯހިތު މި ކުރެހުންތައް ތައްޔާރު ކުރަނީ ކުދިކުދި ގާކޮޅުތައް ބޭނުން ކޮށްގެންނެވެ. ކުރެހުން ތައްޔާރުކުރުމަށްފަހު ކަރުދާސް މައްޗަށް ފޮޅައިލުމުން، ވައިގެ ތެރޭގައި 6 ސިކުންތު ވަންދެން އޭނާގެ ކުރެހުން ފެންނަން ހުރެއެވެ.
ރޯހިތު ވަރަށް ފަހުން ތައްޔާރުކުރި މަޝްހޫރު ސައުތު އިންޑިއަން އެކްޓަރު މޯހަންލާލްގެ ކުރެހުމަށް ވަނީ މޯހަން ލާލްގެ ސަމާލުކަން ލިބި ރޯހިތުގެ މަސައްކަތަށް ތައުރީފު ކޮށްފައެވެ.
މަތީ ސާނަވީ ތައުލީމު ހާސިލުކޮށްފައިވާ ރޯހިތަކީ ކުރީންވެސް ކުރަހަމުން އަންނަ ކުއްޖެކެވެ. ނަމަވެސް ގަލުން މިގޮތަށް ކުރަހައި ވައިގެ ތެރޭގައި ފެންނަން ހުންނަ ގޮތަށް ކުރެހުންތައް އުފެއްދުމުގެ ޝައުގުވެރިކަން އުފެދުނީ ލޮކްޑައުންގެ ތެރޭގައި ކަމަށް، އޭންއެންއައި ނޫހަށް ދިން އިންޓަވިއުއެއްގައި ރޯހިތު ވަނީ ބުނެފައެވެ.
އޭނާ މިގޮތަށް ކުރެހުންތައް އުފައްދަން ފެށީ ކިހިނެއްތޯ ސުވާލުކުރުމުން ބުނެފައިވަނީ އެންމެ ފުރަތަމަ މިގޮތަށް ކުރެހުންތައް ހަދާ ތަން ފެނުނީ މީސްމީޑިއާއިން ފެނުނު ވީޑިއޯއަކުން ކަމަށެވެ. އެވީޑިއޯތައް ބަލައިގެން ވަރަށް ގިނަ ފަހަރު ފަރިތަކުރުމަށްފަހު އޭނާއަށް މިގޮތަށް ކުރެހުން ތައްޔާރުކުރަން ދަސްވި ކަމަށް ރޯހިތު ބުނެއެވެ. އޭނާގެ ރަހުމަތްތެރިއެއް ކަމަށްވާ ހަރީ ޕްރަސާދު، ކުރެހުން ވައިގެ ތެރޭގައި ފެންނަން ހުންނަ ވަގުތުކޮޅުގެ ވީޑިއޯ ފޯނުން ސްލޯ މޯޝަންކޮށް ނަގައިދޭ ކަމަށް ވެސް ރޯހިތު ވަނީ ބުނެފައެވެ.
ރޯހިތުގެ އެންމެ މަގުބޫލު އެކްޓަރު މޯހަންލާލްގެ އިތުރުންވެސް އޭނާ އުފައްދާފައިވާ މެސީ އަދި ރޮނާލްޑޯގެ ކުރެހުންތަކަށް އަންނަނީ ގިނަ ބައެއްގެ ސަމާލުކަން ލިބެމުންނެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް