ވެރިކަން ބަދަލުކުރުމަށް ހަރުކަށި ފިކުރުގެ މީހުންގެ ދައުރު ބޮޑު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ "ދަ ހިންދޫ" އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގައި ބޭއްވި ތިން ރިޔާސީ އިންތިހާބުގައިވެސް ގިނަ އަދަދަކަށް ހަރުކަށި ފިކުރުގެ މީހުން ވޯޓުލާފައިވާ ކަމަށެވެ.
"ވެރިކަން ބަދަލުކުރުމަށް ހަރުކަށި ފިކުރުގެ މީހުންގެ ދައުރު ބޮޑު. އާ ގާނޫނު އަސާސީގެ ދަށުން ތިން ރިޔާސީ އިންތިހާބެއް ބޭއްވުނު. އޭގެ ތެރެއިން 2008 އާއި 2018ގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރީ އެމްޑީޕީން. 2013 ގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވީ ރައީސް ޔާމީންގެ ޕީޕީއެމުން. މި ތިން އިންތިހާބުގައި ވެސް ކާމިޔާބު ލިބުނީ ހަރުކަށި ފިކުރުގެ މީހުންގެ ވޯޓުން. ކުރިއަށް އޮތް މަދު އަހަރުތަކެއްގެ ތެރޭގައި ރާއްޖެ ނުރައްކާތެރި ހާލަތެއްގައި އޮވެދާނެ. މިއަދު އަފްޣާނިސްތާނަށް ބަލައިލާ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ، އެމްޑީޕީ ބައިބައިވުމުގެ ފުރުސަތު ނުދެއްވާނެ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނާ އެއްވެސް ދެކޮޅުވެރިކަމެއް ނެތް ކަމަށެވެ.
ވެރިކަން ބަދަލުކުރުމުގައި ހަރުކަށި ފިކުރުގެ މީހުންގެ ދައުރު ބޮޑުކަމަށް ރައީސް ނަޝީދު ވިދާޅުވި އިރު، އެމަނިކުފާނު އަވަހާރަކޮށްލަން މިދިޔަ މޭ މަހުގެ 6 ވަނަ ދުވަހު ދިން ހަމަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ގިނައީ ހަރުކަށި ފިކުރުގެ މީހުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން އެކުލަވާލި އިންކުއަރީ ރިޕޯޓުގައިވެސް ވަނީ ރާއްޖޭގައި ހަރުކަށި ފިކުރު މޫލާފައިވާ މިންވަރު ބަޔާންކޮށް އެކަމުގެ ނުރައްކާތެރިކަން ބަޔާންކޮށްފައެވެ.
ހަރުކަށި ފިކުރުގެ އަމަލުތައް ހުއްޓުވުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ވަނީ ނަފްރަތުގެ ބިލުގެ ނަމުގައި ބިލެއްވެސް ހުށަހަޅައިފައެވެ. ރައީސް ނަޝީދު ވަނީ އެ ބިލު އޮތް ގޮތަށް ފާސްނުކޮށްފިނަމަ ސަރުކާރަށް އޮތް ތާއީދު އަނބުރާ ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ނަޝީދު ވަނީ ރައީސް ސޯލިހާއެކު ސިޔާސީ ގޮތުން ހުރެވެން ނެތްކަމަށްވެސް ވިދާޅުވެ، ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު