ކަޕިލް ޝަރްމާ ޝޯ އަލުން ފެށުމަށް ތައްޔާރުވެއްޖެއެވެ.

ކަޕިލް ޝަރްމާ ޝޯ އަލުން ފެށުމަށް ތައްޔާރުވާކަން ދޭހަވާ ގޮތަށް ކަޕިލް ސޯޝިއަލް މީޑިއާގައި ޕޯސްޓެއް ކޮށްފައިވާއިރު މިއީ ހަމަގައިމުވެސް ޝޯގެ ފޭނުންނަށް އުފާވެރި ހަބަރަކަށް ވެގެންދާނެއެވެ.

ކުރީގެ މޫނުތަކާއެކު އާ ފެށުމެއް ކަމަށް ބުނެ ކަޕިލް ޝަރްމާ ޓީމާއެކު ނަގާފައިވާ ފޮޓޯތަކެއް އޭނާ ވަނީ އިއްޔެ ޓުވީޓް ކޮށްފައެވެ. މި ފޮޓޯތަކުގައި ކްރިޝްނާ އަބީޝެކް، ބާރްތީ ސިންގު، ކިކޫ ޝާރްދާ، ޗަންދަން ޕްރަބާކަރު ފެނިގެންދެއެވެ.

މިދިޔަ ޖެނުއަރީ މަހު ކަޕިލް ޝަރްމާ ވަނީ ކޮވިޑު ޕެންޑެމިކުގެ ސަބަބުންނާއި އޭނާއަށް ލިބުނު ދެވަނަ ދަރިފުޅަށް ވަގުތު ހުސްކުރުމުގެ ގޮތުން ކަޕިލް ޝަރްމާ ޝޯ މެދުކަނޑާލައި، ބްރޭކެއް ނަގާ ވާހަކަ އާންމުކޮށްފައެވެ.

މިދިޔަ ޖޫން މަހުގެ ތެރޭގައި ކްރިޝްނާ އަބިޝޭކް ވަނީ ކަޕިލް ޝަރްމާ ޝޯ ވަރަށް އަވަހަށް ދައްކަން ފަށާނެ ކަމަށް ބުނެފައެވެ. އޭގެ ކުރިން މިދިޔަ މާޗްމަހުގެ ތެރޭގައި ކަޕިލް ވަނީ އާ މޫނުތަކެއް އޭނާގެ ޝޯއާ ގުޅުމުގެ ފުރުސަތު އޮތްކަން އާންމުކޮށްފައެވެ.