ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް އެ ރަށުގެ ބިމުން ބައެއް އިތުރުކުރުމާ ދެކޮޅަށް އުފެދިފައިވާ މައްސަލައަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހައްލު ހޯއްދަވައިދެއްވައިފިއެވެ.

ރަށުގެ ރައްޔިތުން ދިރިއުޅުމަށް ބިން ދޫކުރުމަށް އޮތް ސަރަހައްދުން ބައެއް ނަގައި އެއާޕޯޓަށް އިތުރުކުރުމާ ދެކޮޅަށް ގިނަ ހަރަކާތްތަކެއް ހިންގައި ޕެޓިޝަނެއް ތައްޔާރުކުރުމުގެ މަސައްކަތް ވެސް އޮތީ ފަށައިފައެވެ.

ނަމަވެސް އުތުރުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުގައި މިއަދު ހަނިމާދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފައެވެ.

"ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަށް ބޭނުންވާ ބިން ކަނޑައެޅުމުގައި ހުރި ކަންބޮޑުވުންތަކާ މެދު މަޝްވަރާކޮށް މިހާރު ވަނީ ހައްލެއް ހޯދިފައި،" މަބްރޫކް ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން "ވަން"އާ ވާހަކަދައްކަވަމުން ބިން ދިނުމާ ދެކޮޅަށް އިސްކޮށް މަސައްކަތްކުރެއްވި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ނައިބު ރައީސް އަހުމަދު ޝަމީމް ވިދާޅުވީ، ވާހަކަދައްކަައިގެން ހައްލު ހޯދާފައިވާ ކަމަށާއި ސަރުކާރުން އަދި ރައްޔިތުން ވެސް އެންމެ ބޭނުންވާ ގޮތަށް އެކަން ކުރުމަށް އެއްބަސްވުމަކަށް އާދެވިފައި ނުވާ ކަމަށެވެ.

"އެކަމަށް ގެނެވުނު ހައްލަކީ ސަރުކާރުން މީގެ ކުރިން ޑިމާންޑް ކުރި ލޮކޭޝަން ބަދަލުކުރުން. ސަރުކާރުން ދޫ ދިނުމުން އަޅުގަނޑުމެން ވެސް މިވަނީ ދޫދީފައި،" ޝަމީމް ވިދާޅުވިއެވެ.

އެގޮތުން މީގެ ކުރިން އެއާޕޯޓަށް ނެގުމަށް ހަމަޖެހިފައި އޮތީ ރަށުގެ މުސްތަގުބަލަށް ބޭނުންކުރަން އޮތް އެންމެ ޕްރައިމް ލޮކޭޝަނުން ބައެއް ކަމަށާއި ނަމަވެސް މިހާރު ރަށުން ދޫކޮށްލަން އެއްބަސްވެފައިވަނީ އެއާޕޯޓު ތަރައްގީވެގެން ދާއިރު މީހުން އުޅުމަށް އެކަށީގެން ނުވާ ސަރަހައްދުން ބައެއް ކަމަށް ޝަމީމް ވިދާޅުވިއެވެ.