ހދ. ނޮޅިވަރަންފަރާއި އެ އަތޮޅު ހަނިމާދޫގައި ހަދަން ފަށާފައިވާ ހައުސިން ޔުނިޓުތައް ނިންމައި އިތުރު ހައުސިން ޔުނިޓުތަކެއް އިމާރާތް ކުރުމަށް ދެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

އެގޮތުން ހަނިމާދޫގައި 2011 ވަނަ އަހަރު މަސައްކަތް ފަށާފައިވާ 52 ހައުސިން ޔުނިޓުގެ މަސައްކަތް ނިންމައި އިތުރު 48 ހައުސިން ޔުނިޓު އިމާރާތް ކުރުމަށް ހަވާލުކޮށްފައިވަނީ ދޮންބެޖް ޕްރައިވެޓް ލިމިޓެޑާއެވެ. މަސައްކަތް ފަށާފައިވާ 52 ހައުސިން ޔުނިޓުގެ މަސައްކަތް 2014 ވަނަ އަހަރުން ފެށިގެން ވަނީ ހުއްޓިފައެވެ.

މިއަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދު ކުރުމަށް ހަމަޖެހިފައިވާ އެ މަސައްކަތް 330 ދުވަހުގެ ތެރޭގައި ނިންމުމަށް އެ ކުންފުންޏާއެކު މިއަދު ސޮއިކޮށްފައިވަނީ، 79،393،199.70 (79.4 މިލިއަން) ރުފިޔާ އަށެވެ.

ނޮޅިވަރަންފަރުގައި 2011 ވަނަ އަހަރު މަސައްކަތް ފަށައި 2014 ވަނަ އަހަރު ހުއްޓާލާފައިވާ 100 ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މަސައްކަތް މިއަދު ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އާ އެވެ. މިއަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކޮށްގެން ކުރުމަށް ހަމަޖެހިފައިވާ އެ މަސައްކަތް 240 ދުވަހުގެ ތެރޭގައި ނިންމުމަށް އާރުސީސީއާ ހަވާލުކޮށްފައިވަނީ 53،544،424.97 (53.5 މިލިއަން) ރުފިޔާ އަށެވެ.