މުސްލިމަކާ ދިމާލަށް އާންމު ތަނެއްގައި ކާފަރެކޭ ބުނުން (ލާދީނީ ކިޔުން) އެއީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅަން ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވާފައިވާ ބިލުގައި ހިމެނޭ ކަންތައްތަކަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ތާއީދު ނުކުރާނަމަ އެމަނިކުފާނުގެ ސަރުކާރަށް ތާއީދު ނުކުރައްވާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، އެމަނިކުފާނުގެ ރަސްމީ އޮފީހުން މިއަދު ނެރުއްވި ބަޔާނެއްގައެވެ.

މެއި ހައެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ޓެރަރިޒަމްގެ ހަމަލާއެއް ދިނީ، އެމަނިކުފާނަކީ ލާދީނީ ބޭފުޅެއް ކަމަށް ތުހުމަތުކޮށް، އުފެއްދި ނަފްރަތުގެ ތެރެއިން ކަމަށް އެމްޑީޕީން ބުނަމުން ދަނިކޮށް އެގޮތަށް ނަފްރަތު އުފައްދާ ފަރާތްތަކަށް ޖަލުގެ އަދަބު ކަނޑައަޅައި ގާނޫނުލް އުގުބާތައް އިސްލާހު ގެންނަން ބިލު މަޖިލީހަށް ފޮނުވީ ސަރުކާރުންނެވެ.

ނަމަވެސް ސަތޭކައަށްވުރެ ގިނަ ދީނީ އިލްމުވެރިންނާއި، ގިނަ އަދަދެއްގެ އާއްމުންނާއި، ގިނަ ކައުންސިލްތަކަކުން ވަނީ، އެ ބިލުގައި ހިމެނޭ ކަންތައްތަކަށް ދެކޮޅު ހަދައިފައެވެ.

އެ ބިލު ޖުޑީޝަރީ ކޮމިޓީން ދިރާސާކޮށް، މަޖިލީހުގެ ތަޅުމަށް ގެނައި ނަމަވެސް އެ ދެކޮޅުހެދުންތަކާ ގުޅިގެން ބިލު ވަނީ ފާސްނުކޮށް އަލުން ކޮމިޓީއަށް ފޮނުވާލައިފައެވެ.

އެ ބިލުގެ ބަހުސް މަޖިލީހުގައި ކުރިއަށް ދިޔައިރު ބިލު ފާސް ކުރުމާމެދު އެމްޑީޕީގެ މެންބަރުންގެ މެދުވައިވެސް ބޮޑެތި ހިޔާލުތަފާތުވުންތައް އުފެދުނެވެ.

އެ ކަމާގުޅިގެން ބިލު ފާސްކުރަން ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށްބުނެ ބައެއް މެންބަރުން ސަރުކާރަށް ވަރަށްބޮޑަށް ފާޑުވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އޮފީހުން މިއަދު ނެރުއްވި ބަޔާނުގައި ނަފްރަތުގެ ބިލާބެހޭގޮތުން އެމަނިކުފާނު ވިދާޅުވީ، އެބިލު ފާސްކުރުމުގެ ހިތްވަރު ސަރުކާރުގައި ނެތިއްޔާ އެމަނިކުފާނުގެ ތާއީދެއްވެސް ސަރުކާރަކަށް ނޯންނާނެ ކަމަށެވެ.

އެ ބިލަށް ފާޑުކީ ފަރާތްތަކަށް ސަރުކާރުން ދޫދީފައިވާކަން ފާހަގަ ކުރައްވައި، ރައީސް ނަޝީދު ވިދާޅުވެފައި ވަނީ، އެމްޑީޕީގެ ލީޑާޝިޕަކީ ހަމައެކަނި ގޮތްދޫކުރުމުގެ އުސޫލުގެ މަތީގައި ތިބެންޖެހޭ ލީޑާޝިޕެއްނޫން ކަމަށެވެ.

"އެމްޑީޕީގެ ލީޑާޝިޕަކީ ހަމައެކަނި ގޮތްދޫކުރުމުގެ އުސޫލުގެ މަތީގައި ތިބެންޖެހޭ ބައެއްނޫން، އޭގެ ބަދަލުގައި އެމްޑީޕީ އިން ގަބޫލްކުރާ އެންމެ އަސާސީ ސިފަތައް ތަންފީޒުކުރުމުގެ ހިތްވަރު އެމްޑީޕީގެ ލީޑާޝިޕްގައި އޮންނަން ވާނެ،" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރުން ފޮނުވި އެ ބިލަށް ސަރުކާރުން ތާއީދު ނުކުރަން ނިންމީ ދީނީ ގޮތުން "ކޮންޒަވޭޓިވް" އިން ބިލާ ދެކޮޅު ހެދުމުން ކަމަށްވެސް އަދާލަތު ޕާޓީއަށް ނިސްބަތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވިއެވެ.