ފުވައްމުލަކު ހޮސްޕިޓަލްގައި މަސައްކަތް ކުރާ އަންހެނުންގެ ހާއްސަ ޑޮކްޓަރުގެ އިހުމާލުން ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި އެ ހޮސްޕިޓަލުން ސިޒޭރިއަން ހެދި ތިން މީހަކު އިތުރު ފަރުވާއަށް މާލެ ފޮނުވާލަން ޖެހުނު ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ބުނެފި އެވެ.
ފުވައްމުލަކު ހޮސްޕިޓަލުން ސިޒޭރިއަން ހެދި އަންހެނެއްގެ ބަނޑުން ދެމަސް ފަހުން ސާޖިކަލް ސްޕޮންޖުގަނޑެއް ނެގި ދާދިފަހުން ވަނީ ނަގާފައެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އެ ހޮސްޕިޓަލަށް ފާކިޔުންތައް އަމާޒު ކުރަމުންނެވެ.
އުމުރުން 29 އަހަރުގެ އެ އަންހެން މީހާ ސިޒޭރިއަން ހަދާފައިވަނީ މިދިޔަ އެޕްރީލް މަހުގެ ތެރޭގައެވެ. ނަމަވެސް އޭގެ ފަހުން ބަނޑުގައި ރިއްސާތީ އޭނާ ތަކުރާރުކޮށް ފުވައްމުލަކު ހޮސްޕިޓަލަށް ދެއްކި ކަމަށާއި އެކަމަކު މައްސަލައެއް ނޫން ކަމަށްބުނެ ކޮންމެ ފަހަރަކު ގެއަށް ފޮނުވާލާ ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ.
މިކަމާ ގުޅިގެން ފުވައްމުލަކު ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ ފުވައްމުލަކު ހޮސްޕިޓަލުން ފާއިތުވި ދެ މަހެއްހާ ދުވަސްތެރޭގައި ހެދި ސިޒޭރިއަންތަކުގެ ތެރެއިން ތިން މީހަކު އިތުރު ފަރުވާއަށް މާލެ ފޮނުވާލަން ޖެހުނު ކަމަށެވެ. އަދި މިއީ އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ އަންހެނުންގެ ޑޮކްޓަރުގެ ސަބަބުން ވެފައިވާ ކަމަކަށްވެފައި މި ހާދިސާތައް ތަކުރާރު ވެދާނެ ކަމަށްޓަކައި އޭނާ ވަގުތުން ވަގުތަށް މަސައްކަތުން އެކަހެރި ކުރުމަށް ހެލްތު މިނިސްޓްރީ އާއި ހޮސްޕިޓަލުގެ މެނޭޖްމެންޓުގައި މިހާރު އެދިފައިވާނެ ކަމަށް އެ ބަޔާނުގައިވެއެވެ.
ސިޓީ ކައުންސިލުން ބުނިގޮތުގައި އެކަމުގައި އެ ސިޓީގެ ރައްޔިތުންގެ ކަންބޮޑުވުންތައް އެބަހުއްޓެވެ. އަދި އެކަމާ ގުޅިގެން މުޖުތަމައުގެ ހަމަޖެހުން ގެއްލިދާނެ ފަދަ ކަންތައްތަކެއް ކުރިމަތިވެދާނެ ކަމަށް ވެސް ކައުންސިލުން ދެކެއެވެ. އެހެންކަމުން އެ ހޮސްޕިޓަލުގައި މިހާރު ހުރި އަންހެނުންގެ ޑޮކްޓަރުގެ ބަދަލުގައި އެހެން މީހަކު ހަމަޖައްސައިދިނުމަށްވެސް ހެލްތު މިނިސްޓްރީގައި އެދިފައިވާނެ ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.
ސިޓީ ކައުންސިލުން ވަނީ އެ ހާދިސާގެ މައުލޫމާތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް ވެސް ގެނެސްފައެވެ.
"އަންހެން ޑޮކްޓަރުގެ ފަރާތުން ފާއިތުވީ ދެމަސް ތެރޭގައި ދިމާވެފައިވާ ހާދިސާ ތަކަކީ އެކަމުގެ ސަބަބުން މައިމީހާ އާއި ތުއްތު ދަރިފުޅަށް ނުރައްކަލާ ކުރިމަތިލާން ޖެހިދާނެ ފަދަ ކަންތައްތަކަށް ވީހިނދު މިއީ މިކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެކެވެ. އަދި އެކަން ކުށްވެރިކުރަމެވެ. މިކަން ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ހެލްތު މިނިސްޓަރާއި ދިވެހިރާއްޖޭގެ ނައިބު ރައީސް އަދި ހޮސްޕިޓަލްގެ މެނޭޖްމަންޓުގެ ފަރާތުން ލިބިފައިވާކަން މި ފުރުސަތުގައި ދަންނަވަމެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
މި މައްސަލަ ހެލްތު މިނިސްޓްރީން ބަލަމުން އަންނަ އިރު މިކަމާ ގުޅިގެން އެ މިނިސްޓްރީގެ ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާން ވިދާޅުވީ އެކަމާ ގުޅޭގޮތުން އެއްޗެއް ދަންނަވަން އެނގޭނީ ބަލަން ޖެހޭ ކަންކަން ބެލުމަށްފަހުގައި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު