ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން ހިންގުމަށް ރާވަމުން އަންނަ ބޮޑު ހައުސިން ޕްރޮޖެކްޓްގައި ކުޅުދުއްފުއްޓަށް އިސްކަންދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ، އެ މަނިކުފާނު މިހާރު އުތުރުގެ ބައެއް ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، ކުޅުދުއްފުއްޓަށް ވަޑައިގެން އެ ސިޓީގެ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ބޭފުޅުންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
މި ބައްދަލު ކުރެއްވުމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ އެ ސިޓީއަށް މި ވަގުތަށް ބޭނުންވާ މުހިންމު ކަންކަން ރައީސް އާ ހިއްސާ ކުރައްވާފަ އެވެ. އެގޮތުން މިހާރުވެސް އެ ސިޓީގައި ތިބި ބޯހިޔާވަހިކަން ބޭނުންވެފައިވާ މީހުންނަށް އެކަން ހައްލު ހޯދައިދިނުމަށް ރައީސް ސޯލިހުގެ އަރިހުގައި ވަނީ އެދިފަ އެވެ.
ބޯހިޔާވަހިކަން ހައްލު ކޮށްދިނުމުގެ އިތުރުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ، އެ ސިޓީގައި އިމާރާތްކުރާ އާ ޓާޝަރީ ހޮސްޕިޓަލުގެ ޕްރޮޖެކްޓް އަވަހަށް ފެށުމާބެހޭގޮތުންނާއި، އެއާޕޯޓް ސަރަހައްދުގެ އުތުރުން އޮންނަ ބިން ބޭނުންކުރެވޭގޮތް ހެދުމާއި ބެހޭގޮތުނާއި ޒުވާނުންނާއި އިޖްތިމާއީ ތަރައްގީއަށް ބޭނުންވާ މުހިންމު ގިނަ ކަންތައްތަަކަކާ ގުޅޭގޮތުން ރައީސް ސޯލިހާއި މަޝްވަރާކުރައްވާފަ އެވެ.
މިކަމާ ގުޅިގެން ރައީސް ސޯލިހް ވިދާޅުވީ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން ރާވަމުން އަންނަ ބޮޑު ޕްރޮޖެކްޓްގައި ކުޅުދުއްފުށި ފަދަ ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ރަށްތަކަށް އިސްކަންދެއްވާނެ ކަމަށެވެ. އަދި ވިދާޅުވީ ސިޓީ ކައުންސިލުން ހުށަހެޅުއްވި ކަންކަން ހައްލުކޮށްދިނުމަށް ސަރުކާރުން މަސައްކަތްކޮށް ދެއްވާނެ ކަމަށެވެ.
މި ބައްދަލު ކުރެއްވުމުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ އެ ކޮމެޓީގެ މެންބަރުންގެ ހުރި ކަންބޮޑުވުންތައް ވެސް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ކުޅުދުއްފުށްޓަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ހދ. އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެވެ. މި ދަތުރުފުޅުގައި ކުޅުދުއްފުށި ސިޓީގެ އިތުރުން ހދ. ކުމުންދޫ އަދި ހދ. ހަނިމާދޫއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާ ދެކަނބަލުންގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދައުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު