Close
ލައިފް ސްޓައިލް

ތިއީ "ގޭސް ލައިޓިން"ގެ ޝިކާރަ އަކަށް ވެފައިވާ މީހެއްތަ؟

ގޭސް ލައިޓިން އަށް ސީދާ ކިޔާނެ ދިވެހި ނަމެއް ނެތް ނަމަވެސް މިއީ ކޮންމެ މީހަކަށްވެސް އެނގުން ވަރަށް މުހިއްމު ކަމެކެވެ.

ގޭސްލައިޓިން އަކީ ދެވޭ ނަފުސާނީ އަނިޔާއެކެވެ. އޭގެ ސަބަބުން އަނެކާއަކީ އެއްވެސް އަގެއް ނެތް، ބޭނުމެއް ނުހިފޭ، ކުށްވެރިއެއް ގޮތަށް އަމިއްލަ ސިކުނޑިއަށް ވިސްނައިދެއެވެ.

ގިނަ މީހުންނަކީ ލޯތްބާއި އަޅައިލުން ދޭން ޖެހޭ މީހުންނެވެ. މީހުންގެ ކިބައިން ލިބޭ ވިހަ ގަދަ، ނަފުސާނީ އަނިޔާތައް ވަކިކުރަން ނޭނގޭ މީހުންނެވެ. އެފަދަ މީހަކީ ތިބާގެ ހަޔާތުގެ ބައިވެރިއެއް ނަމަ ދެމީހުންގެ މެދުގައި މަސްލަހަތު ގޯސްވާ ކޮންމެ ފަހަރަކު، ކުށްވެރިވާ ފަރާތަކީ ތިބާ ކަމަށް ވިސްނައިދޭނެއެވެ. ކަމުގެ ހަގީގަތް އޮޅުވައިލުމަށް ތިބާގެ ސިކުނޑިއާއި ކުޅެލުމަށް މިފަދަ މީހުން ވަރަށް ކުޅަދާނަ ވާނެއެވެ.

ގޭސް ލައިޓިން މިބަސް އުފެދިގެން އައި ގޮތް

ގޭސްލައިޓިން މި ބަސް ބޭނުން ކުރަން ފެށިގެން އައިސްފައިވަނީ ''ގޭސް ލައިޓް'' ކިޔާ ފިލްމެއްގެ ފަހުންނެވެ. އެފިލްމުގައި ޗާލްސް ބޮޔާ ކުޅެދީފައިވާ ހީލަތްތެރި ފިރިއެއްގެ ކެރެކްޓާ، އިންގްރިޑް ބާގްމަން ކުޅެދީފައިވާ އޭނާގެ އަންހެނުންގެ ކެރެކްޓާ އަކީ މޮޔައެއް ކަމަށް ވިސްނައިދެއެވެ.

ގޭސްލައިޓިން އަކީ ހަމައެކަނި ބައިވެރިޔާއާ ދެމެދު ޖެހޭ މައްސަލަތަކުގައި ހިނގާ ކަމެއް ނޫނެވެ. ވަޒީފާގެ މާހައުލުގަ އާއި، ރަހުމަތްތެރީން އަދި އާއިލާގެ ތެރޭގައިވެސް މިއީ ވަރަށް ގިނަ ފަހަރަށް ހިނގާ ކަމެކެވެ.

ތިބާއަކީ ގޭސް ލައިޓު ކުރެވިފައިވާ މީހެއް ނަމަ ފާހަގަވާނެ ކަންކަން

  • އަމިއްލަ މީހާގެ މިޒާޖު ކުރިއާ ތަފާތު ވުން
  • ކަންކަމުގައި މާބޮޑަށް ހާސްވުމާއި އަމިއްލަ ނަފުސަށް ކުރީން އޮންނަ ވަރަށް ޔަގީންކަން ނެތުން
  • އަމިއްލައަށް ކަންކަމާމެދު މާބޮޑަށް ފިކުރުކުރެވޭ ކަމަށް ގަބޫލުކުރެވެން ފެށުން
  • ކުރާ ކޮންމެ ކަމަކީވެސް ގޯސްކޮށް ކުރެވޭ ކަމެއް ކަމުގެ އިހުސާސް ކުރެވުން
  • ކަމެއް ގޯސްވާ ކޮންމެ ފަހަރަކު އެއީ ތިބާގެ ސަބަބުން ވީކަމެއް ކަމަށް ގަބޫލުކުރެވުން
  • އަބަދު މާފަށް އެދެން ޖެހުން
  • ބައިވެރިޔާގެ ގޯސް އަމަލުތަކުގެ ޒިންމާ އަމިއްލައަށް ނަގައި އެހެން މީހުންގެ ކިބައިން ތިބާ މާފަށް އެދެން ޖެހުން
  • ބައިވެރިޔާއަށް ޖަވާބުދާރީ ވެވުނީ އެންމެ ރަނގަޅަށްތޯ އަމިއްލައަށް ސުވާލު އުފެދުން\
  • ކަމެއް ގޯސްކޮށް ހިނގާކަމުގެ އިހުސާސު އަމިއްލައަށް ކުރެވުނު ނަމަވެސް އެއީ ސީދާ ކޮން ކަމެއްކަން ދެނެގަންނަން ނޭނގުން
  • ގާތް ރަހުމަތްތެރިންނާއި އާއިލާގެ މީހުން ބައިވެރިޔާއާ މެދު ގޯސްކޮށް ހީކޮށްފާނެތީ، ބައިވެރިޔާގެ ވާހަކަތައް ދެއްކުން ހުއްޓާލުން
  • އާއިލާ އަދި ރަހުމަތްތެރީންނާ ދުރުވާ ކަމުގެ އިހުސާސް ކުރެވުން
  • ކަންކަމުގައި ގޮތް ނިންމުމަށް އުނދަގޫ ވެގެން ދިއުން
  • ގޮތް ހުސްވެ، ކުރީން ކުރާ ހިތްވާ ކަންކަން އެއްވެސް ވަރަކަށް ކުރާހިތް ނުވުން

ގޭސް ލައިޓު ކުރެވޭ ބައެއް ހާލަތްތައް

ގޭސް ލައިޓުކުރާ މީހާއަކީ އަނެކާ ކޮންޓްރޯލު ކޮށްލުމުގެ ފުރިހަމަ ގާބިލުކަން ލިބިގެން ވާ ބައެކެވެ. ތިބާގެ ޖަޒުބާތުތަކާއި ކުޅެލެވޭނެ އުކުޅުތަކާއި އިހުސާސުތައް އޭނާ ވަރަށް ރަނގަޅަށް ދެނެގަނެ އެކަމަށް އޭނާ ވަރަށް ކުޅަދާނަ ވާނެއެވެ. މިސާލަކަށް އަންނަނިވި ހާލަތްތަކަށް ބަލައިލަމާހެއްޔެވެ.

- ތިބާ ވިސްނާނެ ގޮތް އޭނާ ބުނެދިނުން: މިސާލު: ''އާނ! ދެން ބުނޭ އެއީ ކަލޭގެ ސަބަބުން ވީ ކަމެކޭ!''
- މީހުން ތިބާއޭ ކިޔައިގެން ވާހަކަދައްކާ ކަމަށް ބުނުން: ''ކަލެއަކަށް ނޭނގޭތަ؟ އެންމެން ކަލެޔޭ ކިޔައިގެން ވާހަކަ ދައްކާ، އެންމެން ތިއީ މޮޔައެކޭ ބުނޭ.''
- އެއްޗެއް ބުނުމަށް ފަހު އެހެން ބުނިކަމަށް އިންކާރު ކުރުން: ''އަހަންނެއް ނުބުނަން ފައިސާ ޖަމާކުރާނަމެކޭ! ކީކޭ ކިޔަން ތިއުޅެނީ؟ ކަލެޔާ ހެދި މިފަހަރު މިކަން މިދިޔައީ ފަނުފުލުން''
- އެއްޗެތި ތިބާއަށް ގަސްދުގައި ފޮރުވުމަށްފަހު، ތިބާ ގޯސްކޮށްލުން: ''އަނެއްކާ އައިނު ގެއްލުނީ؟ ތިވެސް ދެން އާދައަކަށް ވެއްޖެއެއްނު''
- ކުރީގެ ހަނދާނެއް އާކޮށްލިނަމަވެސް، އެއީ ނުހިނގާ ކަމެއް ކަމަށް ވިސްނައިދިނުން: ''މަށާ އެކީ ކަލެއެއް އެ ޝޯ ބަލާކަށް ނުދޭ! މަށަށް ދޯ ބޮޑަށް އެނގޭނީ''

މިކަމުން ސަލާމަތްވާނީ ކިހިނެއް؟

މިކަމުން އަރައިގަތުމުގެ ފުރަތަމަ ފިޔަވަޅަކީ ގޭސް ލައިޓު ކުރެވޭކަން އަމިއްލައަށް ދެނެގަތުމެވެ. ދެވަނަ ފިޔަވަޅެއްގެ ގޮތުން ސައިކޭޓްރިސްޓުން، ސައިކޮލޮޖިސްޓެއް ނުވަތަ ތެރަޕިސްޓެއްގެ އެހީތެރިކަން ހޯދާށެވެ. ނަފުސާނީ އެހީތެރިކަން ހޯދައިގެން ތިބާއަށް މިކަމުން އަރައިގަނެވި، އަމިއްލަ ނަފުސާ މެދު އޮންނަ ޔަގީންކަން އިތުރުކޮށް، ކެނޑިފައިވާ ރަނގަޅު ގުޅުންތައް އިޔާދަ ކުރެވިދާނެއެވެ.