ސަލްމާން ހާންގެ ފިލްމު ''ބަޖްރަންގީ ބައިޖާން'' ނުކުތްތާ މިވަނީ ހަ އަހަރު ވެފައިވާއިރު ފިލްމުގައި ސަލްމާންއާއެކު ފެނިގެންދިޔަ މުންނީ މިހާރު ފެންނަގޮތް ވަރަށް ތަފާތެވެ.

މުންނީގެ ރޯލު ކުޅެދިން ހަރްޝާލީ މަލްހޯތުރާ 2015 އަހަރު ނުކުތް ބަޖްރަންގީ ބައިޖާން ގައި ހަރަކާތްތެރިވިއިރު އުމުރަކީ އެންމެ ހަތް އަހަރެވެ.

ހަރްޝާލީއަށް މިދިޔަ މަހު 13 ވަނީ 13 އަހަރު ފުރިގެން ގޮސްފައެވެ. އޭނާގެ އަމިއްލަ އިންސްޓަގުރާމު އެކައުންޓުގައި ގިނަ ފޮޓޯތަކާއި ވީޑިއޯތައް ހިއްސާކުރަމުން އަންނައިރު ހަރްޝާލީގެ ފޮލޯވަރުންގެ އަދަދު 1.4 މިލިއަން އަށް އަރައެވެ. ހަރްޝާލީ އިންސްޓަގުރާމަށް ލަމުން ގެންދާ ގިނަ ފޮޓޯތަކާއި ވީޑިއޯތަކަށްވެސް ގިނަބައެއްގެ ސަމާލުކަން ލިބެމުން އައިސްފައިވާކަން ފާހަގަކޮށްލެވެއެވެ.

''ބަޖްރަންގީ ބައިޖާން''ގައި ހަރްޝާލީ ކުޅެދީފައިވަނީ އިންޑިއާއަށް ގެއްލިގެން އުޅޭ ވާހަކަ ނުދެއްކޭ ޕާކިސްތާނުގެ ކުޑަކުއްޖެއްގެ ރޯލެވެ. ފިލްމުގައި ޕާކިސްތާނާއި އިންޑިއާ އާއި ދެމެދު ޖެހިފައި އޮންނަ މައްސަލަތައް ގިރާކޮށް ކުއްޖާގެ ވަޒަނަށް ރައްދުކޮށްދިނުމަށް އިންޑިއާ މީހަކު (ބަޖްރަންގީ) ކުރާ މަސައްކަތް ދައްކައިދެއެވެ. ބަޖްރަންގީގެ ރޯލު ކުޅެދީފައިވާ ސަލްމާން ހާން ގެ އިތުރުން ނަވާޒުއްދީން ސިއްދީގީ އަދި ކަރީނާ ކަޕޫރު ހާންވެސް ވަނީ މުހިއްމު ރޯލުތަކެއް ފިލްމުގައި ހުށަހަޅައިދީފައެވެ.

މިފިލްމުގައި މުންނީގެ ރޯލު ހުށަހަޅައިދީގެން ބޮޑު މަގުބޫލުކަމެއް ހަރްޝާލީއަށް ލިބިފައިވާއިރު، މީގެ ކުރިން ދީފައިވާ އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ ސަލްމާން ހާންއާއެކު އަދިވެސް ފިލްމެއް ކުޅެލަން ބޭނުންވާކަމަށެވެ. އަދި ބަޖްރަންގީ އަށް ފަހު ގިނަ ފިލްމުތަކެއް ކުޅެން ލިބުނުކަމަށާއި ނަމަވެސް މުންނީ އާ ވާދަކުރެވޭ ވަރުގެ ރޯލެއް އޭގެ ފަހުން އަދި ލިބިފައިނުވާކަމަށް އެ އިންޓަވިއުގައި އޭނާ ވަނީ ބުނެފައެވެ.