ގިނަ ސީރީސްތަކުގައާއި ބޮލީވުޑުގެ ގިނަ ފިލްމުތަކުގައި ހަރަކާތްތެރިވެފައިވާ ސުރޭހާ ސިކްރީ މަރުވެއްޖެއެވެ.
ތިން ފަހަރެއްގެ މަތިން ނެޝަނަލް އެވޯޑު ހާސިލުކޮށްފައިވާ ސުރޭހާ އިއްޔެގެ ހެނދުނުގެ ވަގުތެއްގައި މަރުވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ހިތް ހުއްޓިގެންނެވެ.
އުމުރުން 75 އަހަރުގައި ސުރޭހާ މަރުވެފައިވާއިރު އޭނާއަށް ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ސްޓްރޯކެއް ޖެހިފައެވެ.
2018 ވަނަ އަހަރު ސުރޭހާއަށް ސްޓްރޯކެއް ޖެހި ފަރުވާ ހޯދުމަށްފަހު އޭނާވަނީ އެކަމުން އަރައިގަނެފައެވެ. ނަމަވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައި ދެވަނަ ފަހަރަށް ޖެހުނު ސްޓްރޯކުގެ ސަބަބުން ސިއްހީ ގިނަ މައްސަލަތަކަކާ ކުރިމަތިވެ، އޭނާ ވަނީ ފަރުވާ ހޯދަމުން އައިސްފައެވެ.
އުއްތަރު ޕްރަދޭޝަށް އުފަން ސުރޭހާ މިހާތަނަށް ގިނަ އަދަދެއްގެ ޑްރާމާ ސިލްސިލާ އަދި ބޮލީވުޑް ފިލްމުތަކުގައި ހަރަކާތްތެރިވަމުން އައިސްފައިވެއެވެ.
1971 ވަނަ އަހަރު ނެޝަނަލް ސްކޫލް އޮފް ޑްރާމާއިން ތަމްރީން ހޯދުމަށްފަހު އެންމެ ފުރަތަމަ އޭނާ ކުޅެފައިވަނީ 1978 ވަނަ އަހަރު ނުކުތް ސިޔާސީ ޑުރާމާއެއް ކަމަށްވާ ''ކިއްސާ ކުރްސީ ކާ'' އެވެ. މިހާތަނަށް ކުޅެފައިވާ ޑުރާމާ ސިލްސިލާތަކުގެ ތެރެއިން އޭނާ އެންމެ ފާހަގަކޮށްލެވިފައިވަނީ ''ބާލިކާ ވަދޫ'' އިންނެވެ.
ބޮލީވުޑުގެ ފިލްމުތަކަށް ބަލާއިރު 2019 ވަނަ އަހަރު ނުކުތް ''ބަދާއީ ހޯ'' ގައި ހުށަހަޅައިދީފައިވާ ރޯލުން ފާހަގަކޮށްލެވޭއިރު، އެފިލްމުން އޭނާ ވަނީ ބެސްޓް ސަޕޯޓިން އެކްޓްރެސް ކެޓެގެރީން ނެޝަނަލް އެވޯޑު ހާސިލުކޮށްފައެވެ. ސުރޭހާގެ އެންމެ ފަހުގެ މަސައްކަތަށް ބަލާއިރު އޭނާ ވަނީ ޒޯޔާ އަހްތަރު އުފެއްދި ނެޓްފްލިކްސް ފިލްމު ''ގޮސްޓް ސްޓޯރީސް''ގައި ހަރަކާތްތެރިވެފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން