ގްރޭޓާމާލެ ގްރިޑް އެނަރޖައިޒް ކުރުމުގެ މަސައްކަތް ހަތަރު ދުވަހަކަށް ތާވަލުކުރެވިފައިވާ ކަމަށާއި އެ ދުވަސްތަކުގައި ބައެއް ގަޑިތަކުގައި ކަރަންޓު ކެނޑުމުގެ ފުރުސަތު އޮތް ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯ އިން ބުނީ، އެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17، 18، 21 އަދި 22 ވަނަ ދުވަހު ކަމަށެވެ.
އެގޮތުން މާދަމާގެ ހެނދުނު 8:00 އިން ހަވީރު 5:00 އާ ދެމެދު ހުޅުމާލެ އިން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮތް އިރު، ޖެހިގެން އަންނަ އާދިއްތަ ދުވަހު ސިސްޓަމް އެނަޖައިޒް ކުރުމުގެ މަސައްކަތުގައި ގްރިޑް މާލޭގެ އިންޖީނުގެއާއި ސިންކޮރޮނައިޒް ކުރެވިގެންދާނެ ކަމަށެވެ. ގްރޭޓާ މާލޭ ގްރިޑްގެ ދެވަނަ ސާކިޓް އެނަޖައިޒް ކުރުމަށް ރޭވިފައިވަނީ ބުދަ ދުވަހުއެވެ. އެ ދުވަހުވެސް ހެނދުނު 8:00 އިން ހަވީރު 5:00 އާ ދެމެދު މަސައްކަތް ކުރިއަށްދާ އިރު، މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.
އެ މަސައްކަތުގެ ފަހު ދުވަހު ކުރިއަށް ދާނީ ހުޅުލޭގެ ސަބްސްޓޭޝަން އެނަޖައިޒް ކުރުމުގެ މަސައްކަތެވެ. އެއީ ގްރޭޓާ މާލޭ ގްރިޑް ކަނެކްޝަން މާލެއާއި، ހުޅުމާލެ އަދި ހުޅުލެގެ ކަރަންޓު ވިއުގަ 132ކޭވީ ގެ ހަތް ކިލޯމީޓަރުގެ ދެ ސާކިޓްއިން ގުޅައިލެވޭ މަޝްރޫއެވެ.
އެ މަޝްރޫއުގައި ހުޅުމާލެ އަދި މާލޭގައި 95 އެމްވީއޭގެ ޖުމްލަ ހަތަރު ޓްރާންސްފޯމަރާއި، އަދި ހުޅުލޭގައި 8އެމްވީއޭގެ ދެ ޓްރާންސްފޯމަރު ވަނީ ބަހައްޓައިފައެވެ. މި ކަރަންޓު ވިއުގައިން ކޮންމެ ސާކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ގާބިލުކަން ލިބޭނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. ނަމަވެސް އެ ދުވަހު ކަރަންޓު ކެނޑުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު