ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަސައްކަތް ސެޕްޓެމްބަރު މަހުގެ ކުރިން ނިމޭނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުޅުދުއްފުއްޓަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެމަނިކުފާނު ވަނީ ކުޅުދުއްފުށީ ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައިލައްވައިފައެވެ. އަދި އެ ހޮސްޕިޓަލުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާ ގުޅޭގޮތުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ ރައީސަށް އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވައިފައެވެ.
އެމްޓީސީސީން ބުނީ ކުޅުދުއްފުށީ ހޮސްޕިޓަލް މަރާމާތުކުރުމުގެ މަސައްކަތުގެ 65 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އަންނަ ސެޕްޓެމްބަރު މަހުގެ ކުރިން މަސައްކަތް ނިންމައިލެވޭނެ ކަމަށްވެސް ބުންޏެވެ.
މި މަޝްރޫއުގައި ލެބޯޓަރީއަކާއި ވޯޑް އިމާރާތެއް ހެދުމުގެ އިތުރުން އޯޕީޑީ ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތް ހިމެނެއެވެ.
ހެލްތު މިނިސްޓްރީން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 30.3 މިލިއަން ރުފިޔާ އަށެވެ. މި މަޝްރޫއު މޮބިލައިޒް ކޮށްފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 17 ވަނަ ދުވަހުއެވެ.