ފުވައްމުލަކު ހޮސްޕިޓަލުން ސިޒޭރިއަން ހެދި މީހެއްގެ ބަނޑުގައި ސާޖިކަލް ސްޕޮންޖުގަނޑެއް އޮތް މައްސަލަ ހެލްތު މިނިސްޓްރީން ބަލަން ފަށައިފިއެވެ.
ކޮމިޝަނަރު އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާން ވަނީ އެ މައްސަލަ ބަލަމުން އަންނަކަން 'ވަން' އަށް ކަށަވަރު ކޮށްދެއްވައިފައެވެ. އަދި އެކަމާ ގުޅޭގޮތުން އެއްޗެއް ދަންނަވަން އެނގޭނީ ބަލަން ޖެހޭ ކަންކަން ބެލުމަށްފަހުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އުމުރުން 29 އަހަރުގެ އެ އަންހެން މީހާގެ ބަނޑުން އެ ސާޖިކަލް ސްޕޮންޖުގަނޑު ނަގާފައިވަނީ ސިޒޭރިއަން ހެދިތާ ދެ މަސް ފަހުން، އައިޖީއެމްއެޗް ހޮސްޕިޓަލުންނެވެ.
އެ އަންހެން މީހާގެ އާއިލާގެ މެންބަރަކު "ވަން" އަށް ކިޔައިދިން ގޮތުގައި މީގެ ދެ މަސް ކުރިން އެ އަންހެން މީހާގެ ސިޒޭރިއަން ފުވައްމުލަކު ހޮސްޕިޓަލުން ހެދުމަށް ފަހު ގެއަށް ދޫކޮށްލި ފަހުން ދޭތެރެ ދޭތެރެއިން ބަނޑުގައި ރިއްސާތީ އަންހެން މީހާ އުޅެއެވެ. އެކަމާ ގުޅިގެން ސިޒޭރިއަން ހެދި ޑޮކްޓަރަށް ދެ ފަހަރެއްގެ މަތިން ދެއްކި ނަމަވެސް އޭނާ ވިދާޅުވެފައިވަނީ އެއީ އާދައިގެ ކަމެއް ކަމަށާއި ސިޒޭރިއަން ހެދުމުންވާ ކަމެއް ކަމުގައި ކަމަށް އާއިލާއިން ބުންޏެވެ. އަދި އެންޓިބަޔޮޓިކެއް ދިނުމަށްފަހު ދޫކޮށްލި ކަމަށް ވެސް އާއިލާއިން ބުންޏެވެ.
ނަމަވެސް އޭގެ ފަހުންވެސް ހާލަތު ރަނގަޅު ނުވުމުން، އޮޕަރޭޝަން ޑޮކްޓަރަށް ދައްކައި ހެދި ސްކޭނުން މައްސަލައެއް އުޅޭ ކަމަށް ޑޮކްޓަރު ވިދާޅުވެފައިވާ ކަމަށް އާއިލާއިން ބުންޏެވެ. އެއަށް ފަހު މާލެ އައިސް އައިޖީއެމްއެޗަށް ދެއްކުމުން ގޮހޮރުގައި ފާރުކޮޅެއް އިން ކަމަށް ބުނެ ބޭސް ދިނެވެ. އަދި ބޭހުން ރަނގަޅު ނުވުމުން ސާޖަރީއެއް ހެެދިއިރު ބަނޑުތެރެއިން ސާޖިކަލް ސްޕޮންޖުގަނޑެއް ނަގާފައިވާ ކަމަށް އާއިލާ އިން ވަނީ ބުނެފައެވެ. އެއީ ސިޒޭރިއަން ހެދިއިރު ލައްވާފައިވާ އެއްޗެއް ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރުން ވިދާޅުވި ކަމަށް އާއިލާއިން ބުނެއެވެ.
އައިޖީއެމްއެޗުން ސާޖަރީ ހެދިއިރު ގޮހޮރުން ތަންކޮޅެއް ބުރިކޮށްލަން ޖެހުނު ކަމަށް ވެސް އާއިލާއިން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު