ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު އަދި އަނބިކަނބަލުން ފަޒްނާ އަހްމަދު ކުޅުދުއްފުށި ސިޓީއަށް ވަޑައިގެންފިއެވެ.

ރައީސްގެ ތިން ދުވަހުގެ ދަތުރުފުޅުގައި، ފުރަތަމަ ކުޅުދުއްފުށި ސިޓީއަށް ވަޑައިގެންފައިވާ އިރު، ހދ. ކުމުންދޫއަށާއި، އެ އަތޮޅު ހަނިމާދުއަށް ވެސް ވަޑައިގަތުމަށް ވަނީ ހަމެޖެހިފަ އެވެ.

ރައީސްގެ ދެކަނބަލުން ކުޅުދުއްފުށްޓަށް ވަޑައިގެން އެ ސިޓީގެ ބައެއް ތަންތަނަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުންވެސް ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި، ހދ. އަތޮޅު ކައުންސިލާއި، ކުޅުދުއްފުށީ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކުޅުދުއްފުށީ ސިޓީން ރައީސްގެ ދެކަނބަލުން ދެން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހދ. ކުމުންދޫއަށެވެ. އެރަށުގައިވެސް އެދެކަނބަލުން ވަނީ ބައެއް ތަންތަނަށް ޒިޔާރަތްކުރެއްވުމަށާއި، ކުމުންދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައެވެ.

ތިން ދުވަހުގެ މި ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުން އެ ދެކަނބަލުން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހދ. ހަނިމާދޫއަށެވެ. ހަނިމާދޫގައި ވެސް އެ ދެކަނބަލުން ބައެއް ތަންތަނަށް ޒިޔާރަތްކުރައްވައި، ބައެއް މަޝްރޫއުތައް ކުރިޔަށްދާގޮތް ބައްލަވައިލެއްވުމަށާއި، ހަނިމާދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައިވެއެވެ. އަދި މީގެ އިތުރުން ވެސް މި ދަތުރުފުޅުގައި ރައީސް، ހަނިމާދޫ މަގުތަކުގެ ތާރު އެޅުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވާނެއެވެ.

ރައީސްގެ ދެކަނބަލުންގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހު ހަވީރުއެވެ.