ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހދ. އަތޮޅުގެ ތިން ރަށަކަށް މިއަދު ވަޑައިގަންނަވާއިރު އެމަނިކުފާނަށް މަރުހާބާ ދެންނެވުމަށް ގިނަބަޔަކު ނުނިކުތުމަށް އިލްތިމާސްކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
މިއަދު ހަވީރު ރައީސް ތިލަދުންމައްޗަށް ކުރައްވާ ތިން ދުވަހުގެ އެ ދަތުރުފުޅުގައި ތިން ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ހާއްސަ އިންތިޒާމުތައް ހަމަޖެއްސުމަށް ގިނަ ރިކުއެސްޓްތަކެއް ލިބިފައިވީ ނަމަވެސް، ކޮވިޑުގެ މި ހާލަތުގައި ގިނަ ބަޔަކު އެއްތަންވުމަކީ އެންމެ ރައްކާތެރި ކަމަކަށް ނުވާނެތީ، ގިނަ ބަޔަކު އެއްތަންނުވާނެ ގޮތަކަށް ކަންކަން އިންތިޒާމުކުރުމަށް ކަމާގުޅޭ ހުރިހާ އިދާރާތަކަށް ވާނީ ދަންނަވާފައި ކަމަށެވެ.
"އާންމުކޮށް ރައީސް ވަޑައިގަންނަވާއިރު ސަފުސަފަށް ވެސް މީހުން ވަޑައިގަންނަވާނެ. އެގޮތަށް ނުހެއްދެވުމަށް، ގިނަ ބަޔަކު ނުނިކުތުމަށް އަޅުގަނޑުމެން ރިކުއެސްޓް ކޮށްފައި ވާނީ،" މަބްރޫކް ވިދާޅުވިއެވެ.
މި ދަތުރުގައި ބޮޑެތި ޖަލްސާތަކެއް ބޭއްވުމުގެ ބަދަލުގައި، ވަކިވަކި ކަންތައްތަކާ ގުޅިގެން ކަމާގުޅޭ ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.
ރައީސް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށި ސިޓީ އާއި ހދ. ކުމުންދޫ އަދި ހދ. ހަނިމާދޫއަށެވެ.
ކޮވިޑުގެ ބަލިމަޑުކަން ކުރިމަތިވުމާ ހަމައަށް ރައީސް ވަނީ ގިނަ ކައުންސިލްތަކަކާ ބައްދަލުކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެގޮތުން ލޯކަލް ކައުންސިލްތަކާއެކު މިހާތަނަށް ޖުމުލަ 127 ބައްދަލުވުމެއް ބާއްވަވައި 69 ރަށަކަށް އެމަނިކުފާނު ވަނީ ޒިޔާރަތްކުރައްވައިފައެވެ.
ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރެވި ހާލަތަށް އައިސްފައިވާ ބަދަލާއެކު އިތުރު ރަށްރަށަށް ޒިޔާރަތްކުރައްވައި ތަރައްގީގެ މަޝްރޫއުތަކާއި ރައްޔިތުންގެ ކަންބޮޑުވުންތައް އެމަނިކުފާނު ގާތުން ބައްލަވަމުން ގެންދަވާނެ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އެންމެ ފަހުން އަތޮޅު ތެރެއަށް ވަޑައިގެންފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އެފަހަރު އެމަނިކުފާނު ވަޑައިގެންނެވީ ލ. ކައްދޫ އަދި އެއަތޮޅު ގަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު