ވެހިކަލުގައި ޖަހާ ކޮންމެ ވަޔަލޭޝަން ސްޓިކާއަކަށް ފަސް ޕޮއިންޓް ކަނޑައި، 100 ކްރެޑިޓް ޕޮއިންޓް ހުސްވުމުން ލައިސަންސް ބާތިލުވާ ގޮތަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ އާ ގަވައިދު އެކުލަވާލައި ގެޒެޓުކޮށްފިއެވެ.

އިއްޔެއިން ފެށިގެން އަމަލުކުރަން ފަށާފައިވާ އެ ގަވައިދުގައި ބުނެފައިވަނީ ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވުމުގެ ސަބަބުން މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިއްޖެނަމަ، އުޅަނދު ދުއްވި މީހާގެ ލައިސަންސުން 75 ކްރެޑިޓް ޕޮއިންޓް ކެނޑޭނެ ކަމަށާއި ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވުމުގެ ސަބަބުން މީހެއްގެ ހަށިގަނޑަށް ގެއްލުމެއް ލިބިއްޖެނަމަ އުޅަނދު ދުއްވި މީހާގެ ލައިސަންސުން 50 ކްރެޑިޓް ޕޮއިންޓް ކެނޑޭނެ ކަމަށެވެ.

ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވުމުގެ ކުށް ދެ ފަހަރަށް ވުރެ އިތުރަށް ތަކުރާރުކުރާ ކޮންމެ ފަހަރަކު އުޅަނދު ދުއްވި މީހާގެ ލައިސަންސުން 25 ޕޮއިންޓް އުނިކުރެވޭނެއެވެ. އަދި އުޅަނދު ދުއްވި މީހާގެ އިހުމާލުން އެއް އަހަރު ދުވަހުގެ ތެރޭގައި ފަސް އެކްސިޑެންޓަށް ވުރެ ގިނައިން އެކްސިޑެންޓް ހިނގާ ކޮންމެ ފަހަރަކު، އުޅަނދު ދުއްވި މީހާގެ ލައިސަންސުން 20 ކްރެޑިޓް ޕޮއިންޓް އުނިކުރެވޭނެއެވެ.

އޭގެ އިތުރުން ގާނޫނުގައި ނުވަތަ ގަވައިދުގައި ކަނޑައަޅާފައިވާ ދުވެލީގެ މިންގަނޑާ ހިލާފުވުމުގެ އަމަލު ދެ ފަހަރަށް ވުރެ އިތުރަށް ތަކުރާރުކުރާ ކޮންމެ ފަހަރަކު، އުޅަނދު ދުއްވި މީހާގެ ލައިސަންސުން 15 ކްރެޑިޓް ޕޮއިންޓް އުނިކުރެވޭނެއެވެ. އަދި އެއްކޮޅަށް ދުއްވުމަށް ކަނޑައަޅާފައިވާ މަގެއްގައި އެއާ ހިލާފަށް ދުއްވުމުގެ ކުށް ދެ ފަހަރަށްވުރެ އިތުރަށް ތަކުރާރުކުރާ ކޮންމެ ފަހަރަކު، އުޅަނދު ދުއްވި މީހާގެ ލައިސަންސުން ދިހަ ކްރެޑިޓް ޕޮއިންޓް އުނިކުރެވޭނެއެވެ.

އެ ގަވައިދުގައި ބުނެފައިވާ ގޮތުގައި ގަވައިދާ ހިލާފަށް ޕާކުކުރުމުގެ ސަބަބުން އުޅަނދުގައި ޕާކިން ވަޔަލޭޝަން ސްޓިކާ ޖަހާ ކޮންމެ ފަހަރަކު، އުޅަނދު ޕާކުކުރި މީހާގެ ލައިސަންސުން ފަސް ކްރެޑިޓް ޕޮއިންޓް އުނިކުރެވޭނެއެވެ. އަދި އެ ހާލަތްތައް ފިޔަވައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވައިދުތަކުގައި ބަޔާންކޮށްފައިވާ ކުށެއް ނުވަތަ މަނާކަމެއް ދެ ފަހަރަށް ވުރެ އިތުރަށް ތަކުރާރުކުރާ ކޮންމެ ފަހަރަކު، އެކަމެއް ކުރި މީހާގެ ލައިސަންސުން ފަސް ކްރެޑިޓް ޕޮއިންޓް އުކުރެވޭނެއެވެ.

ގަވައިދުގައި ބުނެފައިވަނީ އެއްގަމު އުޅަނދު ދުއްވުމަށް ދޫކޮށްފައިވާ ލައިސަންސާއެކު ހިމަނާފައިވާ ކްރެޑިޓް ޕޮއިންޓް އުނިކޮށްގެން 100 ކްރެޑިޓް ޕޮއިންޓް ހުސްވުމުން އެ ލައިސަންސް ބާތިލުވާނެ ކަމަށާއި އެކަމާ ގުޅިގެން ބާތިލުކޮށްފައިވާ ލައިސަންސެއް އަލުން ހެއްދުމަށް ހުށަހެޅޭނީ 180 ދުވަސް ފަހުން ކަމަށެވެ. އަދި ބާތިލުވެއްޖެނަމަ، ލައިސަންސް ނެގުމަށް ހުށަހަޅާ ފަރާތްތަކުން ފުރިހަމަކުރަން ޖެހޭ އިމްތިހާނުތަކާއި އިޖުރާއަތްތައް ފުރިހަމަކުރަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

އޭގެ އިތުރުން ނުރައްކާތެރިކޮށް ވެހިކަލް ދުއްވައިފިނަމަ، ދިގު މުއްދަތަކަށް ލައިސަންސް ހިފެހެއްޓޭ ގޮތަށް ވެސް ގަވައިދުގައި ހިމަނާފައިވެއެވެ. ވަކި ހާލަތްތަކެއްގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހިފެހެއްޓުމުގެ އިހުތިޔާރު ފުލުހުން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވާ ކަމަށް އެ ގަވައިދުގައި ބުނެފައިވެއެވެ.

އެގޮތުން ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވުމުގެ ސަބަބުން މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިއްޖެނަމަ، އުޅަނދު ދުއްވި ފަރާތުގެ ލައިސަންސް ދިހަ އަހަރުދުވަހާއި 25 އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ހިފެހެއްޓޭނެއެވެ. އަދި ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވުމުގެ ސަބަބުން މީހެއްގެ ހަށިގަނޑަށް ލިބުނު ގެއްލުމުގެ ކުޑަބޮޑުމިނަށް ބަލައި، އުޅަނދު ދުއްވި މީހާގެ ލައިސަންސް ހަ މަސްދުވަހާއި ފަސް އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ހިފެހެއްޓޭނެއެވެ.

އޭގެ އިތުރުން މީހެއްގެ ހަށިގަނޑަށް ނުވަތަ ފުރާނައަށް ގެއްލުމެއް ލިބިދާ ފަދަ ގޮތެއްގައި އުޅަނދު ދުއްވުމުގެ އަމަލު ދެ ފަހަރަށް ވުރެ އިތުރުވާ ކޮންމެ ފަހަރަކަށް، އުޅަނދު ދުއްވި މީހާގެ ލައިސަންސް އެއް އަހަރު ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ހިފެހެއްޓޭނެއެވެ. އަދި އުޅަނދު ދުއްވި މީހާގެ އިހުމާލުން އެއް އަހަރު ދުވަހުގެ ތެރޭގައި ފަސް އެކްސިޑެންޓަށް ވުރެ ގިނައިން އެކްސިޑެންޓް ހިނގާ ކޮންމެ ފަހަރަކު، އުޅަނދު ދުއްވި މީހާގެ ލައިސަންސް ހަ މަސް ދުވަހަށް ހިފެހެއްޓޭނެއެވެ.