ދާއިރާގެ ރައްޔިތަކު ލައްވައި، އެއްވެސް މީހަކަށް ބިރު ދައްކާފައި ނުވާނެ ކަމަށް ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ވިދާޅުވެއްޖެއެވެ.
ނަހުލާގެ އެންގެވުމަށް ކައުންސިލަރުންތަކަކަށް ބިރުދެއްކި ކަމަށް ބުނާ މައްސަލައެއް ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހެޅުމަށް މިދިޔަ ހަފުތާގައި ބޭއްވި މާލޭ ސިޓީ ކައުންސިލުގެ ބައްދަލުވުމުގައި ވަނީ ފާސްކޮށްފައެވެ. އެ މައްސަލަ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ ކައުންސިލަރު މުހައްމަދު ސައިފް ފާތިހެވެ.
އެ މައްސަލައާ ގުޅޭގޮތުން ނަހުލާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ކައުންސިލަރުންތަކެއް ވިލިމާލެއަށް ވަޑައިގެންނެވި ކަމަށް ބުނާ ދުވަހު އޭނާ ހުންނެވީ ސަލާމުގައި ކަމަށާއި ކައުންސިލަރުންތަކެއް ވަޑައިގަންނަވާ ކަމެއް އަދި ކަމާ ގުޅޭ މައުލޫމާތު މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހިއްސާކުރައްވާފައި ނުވާ ކަމަށެވެ. އެހެންކަމުން ވަޑައިގެންނެވީ ކޮން ބޭފުޅުންނެއް ކަމެއް އަދި ކައުންސިލަރުންތަކެއް ވަޑައިގަންނަވާ ކަމެއް އެނގިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ދާއިރާގެ ރައްޔިތަކު ލައްވައި އަޅުގަނޑު އެއްވެސް މީހަކަށް ބިރު ދައްކައިފައެއް ނުވާނެ. އަދި ވިލިމާލެ ދާއިރާގެ ރައްޔިތަކު ބިރު ދެއްކުމުގެ އަމަލެއް ހިންގައިފާނެ ކަމަކަށް ވެސް އަޅުގަނޑު ގަބޫލެއް ނުކުރަން،" އޭނާ ވިދާޅުވިއެވެ.
ކައުންސިލަރު ސައިފް ހުށަހެޅުއްވި މައްސަލައިގައި ވަނީ ރަސްމީ ހައިސިއްޔަތުން މަގާމުގެ މަސްއޫލިއްޔަތުގެ ގޮތުން އެ ދާއިރާގެ ތެރެއިން ހަވާލުވާ ކަންކަން ކުރުމަށް ވިލިމާލެއަށް ކައުންސިލަރުން ވަޑައިގަތުމުން ނަހުލާ ވިދާޅުވެގެން ކަމަށް ބުނެ ވިލިމާލެ އިން ކައުންސިލަރުންތަކަކަށް ބިރުދައްކައި، މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއަޅާފައިވާ ކަމަށެވެ.
އެ ހުށަހެޅުން ފާސްވީ ޖަލްސާގައި ހާޒިރުވެ ތިއްބެވި ކައުންސިލަރުންގެ އަޣުލަބިއްޔަތުންނެވެ.
މީގެ ކުރިން ނަހުލާ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ވިލިމާލެ އިން ހިތްހަމަނުޖެހުން އައިސްގެން އުޅެނީ ވިލިމާލޭގައި އިންތިހާބީ ކައުންސިލަރެއް ހުއްޓައި، އެމްޑީޕީގެ ކައުންސިލަރުން ވެސް ހިމެނޭ ގޮތަށް އެހެން ދާއިރާތަކެއްގެ ކައުންސިލަރުން ވިލިމާލެ ދާއިރާގެ ކަންކަން ކުރުމަށް ލާފައި ތިބުމުން ކަމަށެވެ.
"އެލްޖީއޭއަށް ދާނީ ރައްޔިތުން،" ސައިފް ހުށަހެޅުއްވި މައްސަލައަށް އިޝާރާތް ކުރައްވައި ނަހުލާ ފޭސްބުކުގައި ލިޔުއްވާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު