ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ބޭއްވުމާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފު މައްސަލައިގެ އަޑުއެހުމަށް ހާޒިރުވާން އެ ކޯޓުން އޭނާއަށް މިއަދު ޗިޓް ފޮނުވައިފިއެވެ.
ޖިންސީ ކުށުގެ ގިނަ ދައުވާތަކެއް އުފުލާފައިވާ އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ބޭއްވުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކެމެއް ނޫން ކަމަށް ދައުލަތުން ވަނީ ބުނެފައެވެ. ދައުލަތުން ގަބޫލުކުރާގޮތުގައި އިނގިރޭސިވިލާތުގައި ހުރެގެން ޝަރީއަތް ނުހިންގެނީ އެ ގައުމަކީ ރާއްޖޭގެ ގާނޫނު ހިނގާ ތަނަކަށް ނުވާތީއެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ވަނީ އޮންލައިންކޮށް ޝަރީއަތް ކުރިއަށްގެންދެވޭނެކަމަށް ކަނޑައަޅާފައެވެ.
ގާޒީ ހަސަން ސައީދުގެ ނިންމެވުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ނިންމީ އިސްތިއުނާފީ ދައުވާއެއްގެ ގޮތުގައި އެ މައްސަލަ ކުރިއަށް ގެންދެވޭނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށެވެ. އެއާއެކު ހައިކޯޓުގެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅީއެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލްކޮށްފައި ވަނީ އަންނަ މަހުގެ ދެ ވަނަ ދުވަހުގެ މެންދުރު 1:00 އަށެވެ. އެ ގަޑިއަށް ސުޕްރީމް ކޯޓަށް ހާޒިރުވާން އަލީ ވަހީދަށް ވަނީ ޗިޓް ފޮނުވާފައެވެ.
އަލީ ވަހީދުގެ މައްޗަށް ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާ ތުހުމަތުތަކެއް ކުރުމާ ގުޅިގެން އެ މައްސަލައިގެ ތަހުގީގު ނިމެންދެން އޭނާއަށް ފުރުން މަނާކޮށް ޕާސްޕޯޓު އޮތީ ހިފަހައްޓައިފައެވެ.
ނަމަވެސް އަލީ ވަހީދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ހުއްދައަށް އެދިވަޑައިގަތުމުން ކްރިމިނަލް ކޯޓުން ވަނީ ޕާސްޕޯޓު ހިފެހެއްޓުމަށް ނެރުނު އަމުރު ބާތިލުކޮށްފަ އެވެ.
ސުޕްރީމް ކޯޓް