Close
ހުސެއިން އަމްރު

ގޯތި ގަތީ އެތަން ހަދަން ކުރި އިންވެސްޓްމެންޓް ގެއްލިދާނެތީ، ބޭންކު ލޯނަކުން: އަމްރު

އިބްރާހިމް ޒަކީ

1

އަންނަބީލާ ހަބީބާ ހުސެއިން ހަބީބުގެ ގެކޮޅު ކަމުގައިވާ ގ.ވައިލެޓް އަބީރު، ގަތީ އެތަން ހަދަން ކުރި އިންވެސްޓްމެންޓް ގެއްލިދާނެތީ، ބޭންކު ލޯނަކުން ކަމަށް އެސްޓީއޯގެ މެނެޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

އެ ގެ ވިއްކުމާ ބެހޭގޮތުން ސިވިލްކޯޓުން މައްސަަލަ ނިންމައި މިދިޔަ ހޯމަ ދުވަހު ނެރުނު ހުކުމްގައި ވަނީ، އެ ގެއަކީ 1183.7 އަކަފޫޓޫގެ ތަނެއް ކަމަށާއި، އެތަނުގައިވާ އެންމެހައި އިމާރާތްތަކާއި ނުއުފުލޭ މުދަލާއި އަމިއްލަ ބިން، 8.4 މިލިޔަން ރުފިޔާގެ އަގަކަށް ގ.ހައްދުންމަތީ ދެކުނުގެ، ހުސެއިން އަމްރޫ މުހައްމަދު ރަޝާދު ގަނެފައިވާތީ އެ ތަނުގެ މިލްކުވެރިޔަކީ އަމްރޫ ކަމަށް ކަނޑައަޅައި ހުކުމް ކުރާ ކަމަށެވެ.

އަމްރު އެ ގެ ގަތުމާ ގުޅިގެން، ގިނަ ބަޔަކު ވަނީ އަމްރު އަށް ފާޑު ކިޔައިފައެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި އަމްރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، 2017 ވަނަ އަހަރު އޭނާ އެ ގެ ކުއްޔަށް ނަގައިގެން ތިން ބުރީގެ އިމާރާތެއް ހަދައި، ރެސްޓޯރެންޓެއް ހިންގަން ތައްޔާރުވި ތަނުން ގޯތީގެ ވެރިފަރާތުން އެ ގޯތި ވިއްކާލުމަށް ބޭނުންވި ކަމަށެވެ.

އެ ގޯތި އެހެން މީހަކު ގަނެފިނަމަ އެ ތަން ހަދަން އޭނާ ކުރި އިންވެސްޓްމެންޓް ގެއްލިދާނެތީ އެ ގޯތި ގަތުމަށް 2019 ވަނަ އަހަރު ގޭގެ ވެރިފަރާތަށް ހުށަހެޅި ކަމަށްވެސް ވިދާޅުވިއެވެ.

ގޭގެ ވެރިފަރާތުން އޭނާއަށް އެ ގޯތި ވިއްކަން ބޭނުންވުމުން ފައިނޭންސް ހޯދުމަށް ބޭންކަށް ހުށަހެޅުމުން އެތަނުގައި ކޮށްފައިވާ އިންވެސްޓްމެންޓަށް ބެލުމަށްފަހު 2020 ވަނަ އަހަރު ބޭންކުން ލޯނު ދޫކުރީ ކަމަށްވެސް ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ، މިވަގުތު ސިޔާސީ މަގާމެއްގައި ހުންނެވި ނަމަވެސް އޭރު 2017 ވަނަ އަހަރު އިންވެސްޓްކޮށްފައި ހުރި ފައިސާ އަކީވެސް އޭނާ މަސައްކަތް ކޮށްގެން ހޯދައިފައިވާ ހަލާލު ފައިސާކަން ލޯނު އެޕްރޫވް ކުރުމުގައި ޔަގީން ކުރި ކަމަށެވެ.

އޭނާ ދުއްވާ ޑޮމެއިންޖެހި އަގު ބޮޑު ކާރާއި، އަޅުއްވާ އަގު ބޮޑު ގަޑިއާބެހޭ ގޮތުން ދެކެވޭ ވާހަކަތަކާ ގުޅިގެން އަމްރު ވިދާޅުވީ، އެ ކާރަކީ އެސްޓީއޯގެ ކާރެއް ކަމަށާއި އެ ގަޑި އަކީ މި ސަރުކާރު އައުމުގެ ކުރިންވެސް އަޅުއްވާ ގަޑިއެއް ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟