ބޮލީވުޑުގެ ކާމިޔާބު ބަތަލާ ޝިލްޕާ ޝެޓީއަށް ހޮލީވުޑުން ރަނގަޅު ހުށަހެޅުންތަކެއް މީގެ ކުރިން ލިބުނު ކަމުގައި އޭނާ ބުނެފިއެވެ.
ބޮލީވުޑުގެ ގިނަ ތަރީންނަކީ ހޮލީވުޑުން ރަނގަޅު ހުށަހެޅުމަކަށް އަބަދުވެސް އެދިއެދި ތިބޭ ބައެކެވެ. މިފަހަކަށް އައިސް އާލިއާ ބަޓް ވެސް ވަނީ ހޮލީވުޑުން ފުރުސަތެއް ހޯދުމުގެ ގޮތުން ހޮލީވުޑް އެޖެންސީއަކާ ގުޅިފައެވެ.
ނަމަވެސް ޝިލްޕާ ޝެޓީ މިވަނީ އޭނާއަށް ރަނގަޅު ހުށަހެޅުންތަކެއް މީގެކުރިން ހޮލީވުޑުން ލިބުނު ނަމަވެސް އެފުރުސަތު ދޫކޮށްލި ކަމަށް ބުނެފައެވެ. ސަބަބެއް ކަމުގައި އޭނާ ބުނެފައިވަނީ މުމްބާއީ އިން ލޮސް އެންޖެލެސް އަށް ދިރިއުޅުން ބަދަލުކުރުމަކީ އޭނާ އެހާ ގަޔާވާ ކަމެއް ނޫން ކަމަށެވެ.
އޭނާ ބުނެފައިވާ ގޮތުގައި މިހުށަހެޅުންތައް އޭނާއަށް ލިބިފައި ވަނީ ފިލްމު ކުޅުމާ ދުރުގައި ހުރި 14 އަހަރުދުވަހުގެ ތެރޭގައެވެ. އެންމެ ފަހުން ޝިލްޕާ ކުޅެފައިވަނީ 2007ވަނަ އަހަރު ނުކުތް ''ލައިފް އިން އަ މެޓްރޯ'' އަދި ''އަޕްނޭ'' އެވެ. ހަމަ އެ އަހަރު ޝިލްޕާ ވަނީ އިނގިރޭސިންގެ ރިއެލިޓީ ޝޯ ''ސެލެބްރިޓީ ބިގް ބްރަދާ''ގެ 5ވަނަ ސީޒަންގައި ބައިވެރިވެ ކާމިޔާބުކޮށްފައެވެ.
އެއަށްފަހު އޭނާ ފެނިގެން ގޮސްފައިވަނީ ''އޯމް ޝާންތީ އޯމް'' އަދި 'ދޯސްތާނާ'' ގެ ހާއްސަ ފެނިލުމަކުންނާއި ''ނަޗް ބަލިޔޭ'' އަދި ''ސުޕަ ޑޭންސާ''ގެ ޖަޖެއްގެ ގޮތުގައެވެ.
ގެއްލިގެން ދިޔައީ ރަނގަޅު ފުރުސަތެއް ކަމަށް ގަބޫލު ކުރާ ކަމަށާއި ނަމަވެސް ހިންދީ އިންޑަސްޓްރީން މިވަގުތު ލިބެމުން އަންނަ ފުރުސަތު ތަކާމެދު ހިތްހަމަޖެހިގެން ހުރި ކަމަށްވެސް ޝިލްޕާ ވަނީ ބުނެފައެވެ. އޭނާ އިތުރަށް ބުނެފައިވަނީ ދަރީން ވަކި ވަރަކަށް ބޮޑުވުމަށް ފަހު އެފަދަ ރަނގަޅު ހުށަހެޅުމެއް ލިބިއްޖެނަމަ ބަދަލުވާން ވިސްނާނެ ކަމަށެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން