ކޮވިޑު ޖެހިގެން އިތުރު މީހަކު މަރުވެ، މި ބަލީގައި މަރުވި މީހުންގެ އަދަދު 215 އަށް އަރައިފިއެވެ.
"ވަން"އަށް އެނގިފައިވާ ގޮތުގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނަކު މިރޭ 7:58 ގައި ވަނީ މަރުވެފައެވެ.
ފަހަކަށް އައިސް ކޮވިޑުގެ އަދަދުތަކާއެކު، މި ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް ވަނީ ދަށަށް ގޮސްފައެވެ. ކޮވިޑުގައި އެންމެ ފަހުން މީހަކު މަރުވެފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.
މިއަދުގެ މަރާއެކު ރާއްޖެއިން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 215 އަށް އަރައިފައެވެ. ކޮވިޑުގައި ރާއްޖެއިން މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 198 ދިވެހީންނާއި 17 ބިދޭސީންނެވެ.
މި ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނި 13 މީހަކު ވަނީ މަރުވެފައެވެ.
ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު