އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ހަކަތަ އުފެއްދުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ގިނަ ކާމިޔާބީތަކެއް ހޯދިފައިވާ ކަމަށާއ އެގޮތުން، އިންޖީނުގެ ތެލަށް ކުރާ ހަރަދުން އަހަރަކު 147.8 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭ ކަމަށް ތިމާވެއްޓާ ބެހޭ މަންދޫބު ސޮބްރާ އިބްރާހީމް ނޫރައްދީން ވިދާޅުވެއްޖެ އެވެ،

އެކަމަނާ މިހެން ވިދާޅުވީ، ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއި ސަރުކާރާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ހިންގާ ނޫރާއްޖެ ޕްރޮގްރާމާ ގުޅިގެން ކައުންސިލަރުންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އެ ބައްދަލުވުމުގައި މޫސުމީ ބަދަލުތަކާ ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތަފްސީލު ދެއްވަމުން، ސަބްރާ ވިދާޅުވީ ސަރުކާރުގެ މުހިއްމު ސިޔާސަތެއް ކަމުގައިވާ ރައްކާތެރި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމެނިގެން މިދިޔަ މަހުގެ އެކަކުން ފެށިގެން، އެއް ފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމުގެ އަމަލީ މަސައްކަތް ފެށިފައިވާކަމަށެވެ.

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާއި ގުޅިގެން ސަރުކާރުން ކުރަމުން އަންނަ ބައެއް މަސައްކަތްތަކަށް އިޝާރާތް ކުރައްވަމުން، 2020 ޑިސެންބަރުގައި، ކްލައިމެޓް އެމްބިޝަން ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ތަގުރީރުގައި، ބޭރުގެ މާލީ އެހީއާއެކު 2030 ވަނަ އަހަރަށް ރާއްޖެ ނެޓް-ޒީރޯ ގައުމަކަށް ހެދުމަށް ވެވަޑައިގެންފައިވާ ވައުދުގެ މައްޗަށް ސަބްރާ އަލިއަޅުއްވައިލެއްވިއެވެ. އެގޮތުން ނެޓް-ޒީރޯ ގައުމަކަށް ރާއްޖެ ހެދުމަށްޓަކައި ޑީސަލުން ހަކަތަ އުފައްދައިގެން ޖައްވަށް ވިހަގޭސް ބޭރުކުރެވޭ މިންވަރާ އެއްވަރަށް، އިއާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން ހަކަތަ އުފެއްދުމުގެ މި އަމާޒަށް ވާސިލު ވުމަށް، މި އަހަރުގެ މޭ މަހު ކްލައިމެޓް އެމަޖެންސީ ބިލު ރައްޔިތުންގެ މަޖިލީހުން ފާސް ކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާފައިވާކަން ފާހަގަކުރެއްވިއެވެ.

ސަބްރާ އިތުރަށް ވިދާޅުވީ އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދޭ ކަމަށާއި އެގޮތުން ފާއިތުވި ދެ އަހަރު ތެރޭ، ބޭރުގެ މަޝްރޫއުތަކުގެ ތެރެއިން 26 ރަށުގައި ޖުމުލަ 2.86 މެގަވޮޓްގެ ކަރަންޓު އުފެއްދޭ ވަރުގެ ސޯލާ ޕެނަލް ހަރުކުރެވިފައިވާ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިހާރު ޖައްވަށް ބޭރުވާ ކާބަންޑައިއޮކްސައިޑްގެ ތެރެއިން، އަހަރަކު ޖުމުލަ 72،178 ޓަނުގެ ކާބަންޑައިއޮކްސައިޑް މަދު ކުރެވިފައިވާ ކަމަށާއި އިންޖީނުގެ ތަކުން ތެލަށް ކުރާ ހަރަދުން އަހަރަކު 147.8 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެކަން ފާހަގަކުރެއްވިއެވެ.