ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށަހެޅި ފޯމު ބާތިލުކޮށްފައިވަނީ އިލެކްޝަން ކޮމިޝަން (އީސީ) އިން ބަލަންޖެހޭ ކަންކަން ރަނގަޅަށް ނުބަލައި ކަމަށާއި މިއީ އޭނާ ބަދުނާމުކުރުމުގެ ގޮތުން ހިންގި އަމަލެއް ކަމަށް އަބްދުﷲ ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
ކަމާލުއްދީން މުއައްސިސަކަށް ހުރެ "ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ" ނުވަތަ ނެޝަނަލް ސޮލިޑާރިޓީ ޕާޓީގެ ނަމުގައި، އާ ސިޔާސީ ޕާޓީއެއް ރަޖިސްޓަރީކުރުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.
އީސީން މިއަދު ވަނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށަހަޅާ ފަރާތުގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތު ފުރިހަމަ ނުވާތީ، ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ކަމާލުއްދީން ހުށަހެޅި ފޯމު ބާތިލުކޮށްފައެވެ. ބާތިލުކޮށްފައިވަނީ އޭނާގެ ނަން އެމްއާރުއެމްގެ ދަފުތަރުގައި އޮތުމުންނެވެ.
އެކަމާ ގުޅިގެން ކަމާލުއްދީން މިރޭ "ވަން" އަށް ވިދާޅުވީ އޭނާ އެމްއާރުއެމުން ވަކިކޮށްދިނުމަށް އެދި މިދިޔަ މަހު ސިޓީއެއް ހުށަހަޅާފައިވާނެ ކަމަށާއި އޭނާ އެ ޕާޓީން ވަކި ނުކުރާކަން އެނގުނީ މިއަދު އީސީން ސިޓީ ފޮނުވުމާ ގުޅިގެން ކަމަށެވެ. އަދި އޭނާ، އެ ޕާޓީން ވަކިކޮށްދިނުމަށް އެދި މިއަދު ދަންނަވާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ކަމާލުއްދީން ވިދާޅުވީ އީސީން މިކަމުގައި ބަލަންޖެހޭ ކަންކަން ރަނގަޅަށް ބަލާފައިނުވާ ކަމަށެވެ. އަދި އެމްއާރުއެމްއަށް ގުޅައިގެން އެކަމުގައި ކުރަންޖެހޭ ސުވާލުނުކޮށް، އޭނާގެ ފޯމު ބާތިލުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މިއީ އޭނާ ބަދުނާމު ކުރަން ހިންގި ކަމެއް ކަމަށާއި މިކަމަކީ ޒާތީ ކަމެއް ކަމަށެވެ. އަދި ދައުލަތުގެ މުއައްސަސާއިން ފުރިހަމައަށް ޒިންމާ އަދާނުކޮށް ކުރި ކަމެއްގެ ސަބަބުން، އޭނާ ބަދުނާމުވެފައިވާ ކަމަށްވެސް ކަމާލުއްދީން ވިދާޅުވިއެވެ.
"އަޅުގަނޑު ވަކިކޮށްދޭން އެމްއާރްއެމަށް ވަނީ ސިޓީއަކުން ދަންނަވާފަ. މިކަމުގައި ދައުލަތުގެ މުއައްސަސާއަކުން އެކަން ކުރަން ޖެހޭނީ އެންމެ ރަނގަޅަށް ދެއްތޯ. އެމްއާރްއެމަށް ގުޅައިގެން އަޅުގަނޑު ވަކި ކުރަން އެދުނުތޯ ސުވާލުކޮށް، ސާފުކޮށްދޭން ޖެހޭނެ ދެއްތޯ. މިކަމުގައި އަޅުގަނޑު ބަދުނާމުވުން ނޫން ކަމެއް ނުވި. މިއީ އަޅުގަނޑާ ޒާތީވެގެން ކޮށްފައިވާ ކަމެއް ކަމުގައި އަޅުގަނޑު ދެކެނީ،" ކަމާލުއްދީން ވިދާޅުވިއެވެ.
ކަމާލުއްދީން އިތުރަށް ވިދާޅުވީ ޕާޓީ އުފައްދަނީ އޭނާ ބޭނުންވެގެން ނޫން ކަމަށާއި އެއީ ޕާޓީއެއް އުފައްދަން ހުށަހެޅީ އޭނާއަކީ މުއައްސިސުންގެ ފަރާތުން އިސްކޮށް ކަނޑައެޅުއްވި ފަރާތް ކަމަށް ވާތީ ކަމަށެވެ. އަދި އަލުން ފޯމު ހުށަހެޅުމާ ގުޅޭގޮތުން މަޝްވަރާ ކުރާނެ ކަމަށާއި އެއަށް ފަހުގައި އަލުން ފޯމު ހުށަހެޅުމާ މެދު ގޮތެއް ނިންމާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެމްއާރްއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް މިރޭ ވިދާޅުވީ ކަމާލުއްދީން، އެ ޕާޓީން ވަކިވުމަށް އެދި ސިޓީ ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ކަމަށެވެ. ނަމަވެސް އީސީގެ އެމްއާރުއެމްގެ ދަފުތަރުން އޭނާގެ ނަން އުނިކޮށްފައިނުވަނީ އިދާރީ ގޮތުން ކުރަން ޖެހޭ ކަންކަން ނުވެ އޮތުމުން ކަމަށް ވިދާޅުވިއެވެ.
"މިހާރު ވާނީ އަބްދުﷲ ކަމާލުއްދީންގެ ނަން އުނިކޮށް ދިނުމަށް އެދި އިލެކްޝަންސްއަށް ހުށަހަޅާފައި،" އަލީމް ވިދާޅުވިއެވެ.
އީސީގެ މެމްބަރު ފުއާދު ތައުފީގު މިރޭ "ވަން" އަށް ވިދާޅުވީ އެމްއާރުއެމުން ކަމާލުއްދީން ވަކިކޮށްދިނުމަށް އެދި އެޕާޓީން މިއަދު އިރުއޮއްސުނު އިރު ސިޓީ ހުށަހަޅާފައިވާ ކަމަށެވެ. އަދި މާދަން އެމްއާރުއެމްގެ ދަފުތަރުން އޭނާ ވަކިކުރުމަށްފަހު އަންގާނެ ކަމަށްވެސް ވިދާޅުވިއެވެ.
ފުއާދު ވިދާޅުވީ ފޯމު ބާތިލު ކުރީ އެމްއާރުއެމްގެ ދަފުތަރުގައި އޮތުމުން ކަމަށާއި އެހެންކަމުން އޭނާ އެ ޕާޓީން ވަކިކުރުމުން އަލުން ފޯމު ހުށަހެޅޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު