ކުރިއަށް އޮތް އީދު ބަންދަށް މާލެ ސަރަހައްދުގައި ވެކްސިން ޖެހުން މެދުކަނޑާލަން ނިންމައިފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ވެކްސިން ޖެހުން ވަގުތީ ގޮތުން މެދުކަނޑާލާނެ ކަމަށެވެ.
"އަޅުގަނޑުމެން އީދު ބަންދަށް ހުރިހާ ވެކްސިނެއްގެވެސް ވެކްސިނޭޝަން، މާލެ ސަރަހައްދުގައި ވެކްސިނޭޝަން ހުއްޓައިލެވޭނެ. އީދު ބަންދަށްފަހު އަޅުގަނޑުމެން އަލުން ހުޅުވާލާނީ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
އީދު ބަންދަށް ފަހު ވެކްސިން ސެންޓަރުތައް ހުޅުވާނެ ކަމަށް ވިދާޅުވި ނަމަވެސް ސެންޓަރުތައް ހުޅުވާނެ ސީދާ ތާރީހެއް ނަޒްލާ ވިދާޅެއް ނުވެއެވެ.
ރާއްޖޭގައި ކޮވިޑުގެ ތިން ވައްތަރެއްގެ ވެކްސިން ޖަހަމުން އަންނަ އިރު، އެޕޮއިންޓްމެންޓް އުސޫލުން ވެކްސިން ޖަހައިދެނީ ހަމައެކަނި ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖަހަން ޖެހޭ ފަރާތްތަކަށެވެ.
ކުރިއަށް އޮތް އީދު ބަންދަށް ވެކްސިން ޖެހުން މެދުކަނޑާލާ އިރު، ވެކްސިން ޖަހަން ޖެހޭ އާބާދީގެ 50 އިންސައްތައަށް ވުރެ ގިނަ މީހުން ވެކްސިންގެ ޑޯޒް ވަނީ ފުރިހަމަކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު