ސިޔާސީ ޕާޓީއެއް އުފެއްދުމަށް އަބްދުﷲ ކަމާލުއްދީން ހުށަހެޅި ފޯމް ބާތިލު ކުރީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ދަފްތަރުގައި އަދިވެސް އޭނާގެ ނަން އޮތުމުން ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
ކަމާލުއްދީން މުއައްސިސަކަށް ހުރެ "ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ" ނުވަތަ ނެޝަނަލް ސޮލިޑާރިޓީ ޕާޓީގެ ނަމުގައި، އާ ސިޔާސީ ޕާޓީއެއް ރަޖިސްޓަރީކުރުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.
އީސީން މިއަދު ކުރި ޓުވީޓެއްގައި ވަނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށަހަޅާ ފަރާތުގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތު ފުރިހަމަ ނުވާތީ، ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ކަމާލުއްދީން ހުށަހެޅި ފޯމު ބާތިލުކޮށްފައިވާ ކަމަށެވެ.
އީސީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ މިއަދު "ވަން" އަށް ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދޭ މީހާއަކީ އެހެން ޕާޓީއެއްގެ މެމްބަރަކަށް ވެގެން ނުވާނެ ކަމަށެވެ. ނަމަވެސް ކަމާލުއްދީން އަދިވެސް އޮތީ އެމްއާރުއެމްގެ ދަފުތަރުގައިކަމުން، ޕާޓީއެއް އުފެއްދުމުގެ ހުއްދަ ނުދޭން ނިންމައި، ފޯމު ބާތިލުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
އޭނާ ވިދާޅުވީ ކަމާލުއްދީން، އެމްއާރުއެމް އިން ވަކިވާން ރަސްމީކޮށް އީސީއަށް ސިޓީ ފޮނުވާފައިނުވާ ކަމަށާއި އެމްއާރުއެމް އިންވެސް ކަމާލުއްދީން އެ ޕާޓީން ވަކިކުރަން ރަސްމީކޮށް ސިޓީ ފޮނުވާފައިނުވާ ކަމަށެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ގިނަ ދުވަސްތަކެއް ވަންދެން ކެބިނެޓުގައި މަސައްކަތް ކުރެއްވި ކަމާލުއްދީން މީގެ ކުރިން ވިދާޅުވެފައިވަނީ އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމެވީ އާ ގަރުނެއް ފެށި، 21 އަހަރު ވެގެން ދިޔަ އިރުވެސް ގައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލެއް ނުލިބި، އަބަދުވެސް މައްސަލަގަނޑެއްގައި ގައުމު އުޅެން ޖެހިފައިވާތީ، އެކަންކަމަށް އަޑު އުފުލައި ހައްލު ހޯދުމުގެ ބޭނުމުގައި ކަމަށެވެ.
ކަމާލުއްދީން ވިދާޅުވީ، އާ ސިޔާސީ ޕާޓީން ސިޔާސީ ބޭފުޅުންގެ އިތުުރުން ޒުވާނުންވެސް ފެނިގެންދާނެ ކަމަށެވެ. އަދި 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބާއި ކުރިއަށް އޮތް އިންތިހާބުތަކުގައިވެސް އެޕާޓީން ވާދަކުރާނެ ކެންޑިޑޭޓެއް ނެރޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ކަމާލުއްދީން ވަނީ ޑީއާރުޕީ އާއި ޖުމްހޫރީ ޕާޓީގައި ވެސް އުޅުއްވައިފައެވެ. އަދި ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެން ދެން ސޮއިކުރެއްވީ އެމްއާރުއެމްއަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު