ޝަރުތު ހަމަނުވާތީ އަބްދުﷲ ކަމާލުއްދީނަށް ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ނުދިނުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
ކަމާލުއްދީން މުއައްސިސަކަށް ހުރެ "ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ" ނުވަތަ ނެޝަނަލް ސޮލިޑާރިޓީ ޕާޓީގެ ނަމުގައި، އާ ސިޔާސީ ޕާޓީއެއް ރަޖިސްޓަރީކުރުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.
އީސީން މިއަދު ކުރި ޓުވީޓެއްގައި ވަނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށަހަޅާ ފަރާތުގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތު ފުރިހަމަ ނުވާތީ، ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ކަމާލުއްދީން ހުށަހެޅި ފޯމު ބާތިލުކޮށްފައިވާ ކަމަށެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ގިނަ ދުވަސްތަކެއް ވަންދެން ކެބިނެޓުގައި މަސައްކަތް ކުރެއްވި ކަމާލުއްދީން މީގެ ކުރިން ވިދާޅުވެފައިވަނީ އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމެވީ އާ ގަރުނެއް ފެށި، 21 އަހަރު ވެގެން ދިޔަ އިރުވެސް ގައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލެއް ނުލިބި، އަބަދުވެސް މައްސަލަގަނޑެއްގައި ގައުމު އުޅެން ޖެހިފައިވާތީ، އެކަންކަމަށް އަޑު އުފުލައި ހައްލު ހޯދުމުގެ ބޭނުމުގައި ކަމަށެވެ.
ކަމާލުއްދީން ވިދާޅުވީ، އާ ސިޔާސީ ޕާޓީން ސިޔާސީ ބޭފުޅުންގެ އިތުުރުން ޒުވާނުންވެސް ފެނިގެންދާނެ ކަމަށެވެ. އަދި 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބާއި ކުރިއަށް އޮތް އިންތިހާބުތަކުގައިވެސް އެޕާޓީން ވާދަކުރާނެ ކެންޑިޑޭޓެއް ނެރޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ކަމާލުއްދީން އެންމެ ފަހުން ހުންނެވީ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފެއްދި އެމްއާރުއެމްގައެވެ. އެޕާޓީން އޭނާ ވަކިވެވަޑައިގަތީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު