Close
އެސްޓީއޯ

އަންނަ އަހަރުގެ މެދުތެރެއަށް ގޮނދަންފުށް ފެކްޓްރީގެ މަސައްކަތް ނިމޭނެ: އަމްރު

އެސްޓީއޯއިން ރާއްޖޭގައި ގާއިމް ކުރާ ގޮނދަން ފުށް ފެކްޓްރީގެ މަސައްކަތް އަންނަ އަހަރުގެ މެދުތެރޭގައި ނިމޭނެ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކްލަބް ހައުސް ހަރުގޭގައި ރޭ ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ ގޮނދަން ފުށް ފެކްޓްރީއެއް ރާއްޖޭގައި ގާއިމު ކުރަނީ ތިން އަމާޒެއް ހާސިލުކުރުމަށް ކަމަށެވެ.

ގޮނދަން ފުށް ރާއްޖެ ގެނެސް ގުދަން ކޮށްފައި ގިނަ ދުވަހު ބެހެއްޓުމުން ހަލާކުވާތީ، އެ ފެކްޓަރީގެ ސަބަބުން އެކަމަށް ހައްލު ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން ފުށުގެ ބަދަލުގައި ސީދާ ގޮނދަން އެތެރެކުރުމުން ގިނަދުވަހު ރައްކާކޮށްފައި ބެހެއްޓޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސީދާ ގޮނދަން ގެނެސްގެން ރާއްޖޭގައި ފުށް އުފެއްދުމުން ތާޒާކަމާއެކު ރައްޔިތުންނަށް ފުށް ލިބިގެންދާނެ ކަމަށާއި އޭގެ އަނެއް ފައިދާއަކީ ބޭނުން ކޮންމެ ވައްތަރެއްގެ ފުށް ލިބުމުގެ ފުރުސަތު ފަހިވެގެން ދިއުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދިވެހި ފެކްޓްރީއަކުން ފުށް އުފެއްދުމުން ރައްޔިތުންނަށް ހެޔޮ އަގުގައި ފުށް ސަޕްލައިކުރެވޭނެ ކަމަށް ވެސް އަމްރު ވިދާޅުވިއެވެ.