ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހއ. އަތޮޅުގެ ތިން ރަށަކަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ ހއ. އަތޮޅުގެ ބައެއް ރަށްތަކަށް މި މަހުގެ 16 އިން 18 އަށް ރައީސް ދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ރައީސްގެ ސިޔާސަތަކީ ރައްޔިތުންނާ ގާތުން މަސައްކަތްކޮށް ކައުންސިލްތަކުގެ ބައިވެރިވުމާ އެކު ތަރައްގީގެ މަޝްރޫއުތަކާއި ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށްވެސް އެ އޮފީހުން ބުންޏެވެ.
ރައީސް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށި ސިޓީ އާއި ހދ. ކުމުންދޫ އަދި ހދ. ހަނިމާދޫ އަށެވެ. ނަމަވެސް ރައީސްގެ މި ދަތުރުފުޅާ ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.
ކޮވިޑްގެ ބަލިމަޑުކަން ކުރިމަތިވުމާ ހަމައަށް ރައީސް ވަނީ ގިނަ ކައުންސިލްތަކަކާ ބައްދަލުކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެގޮތުން މިހާތަނަށް ޖުމުލަ 127 ބައްދަލުވުމެއް ލޯކަލް ކައުންސިލްތަކާ އެކު ބާއްވަވައި 69 ރަށަކަށް އެ މަނިކުފާނު ވަނީ ޒިޔާރަތްކުރައްވާފައެވެ.
ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރެވި ހާލަތަށް އައިސްފައިވާ ބަދަލާއެކު އިތުރު ރަށްރަށަށް ޒިޔާރަތްކުރައްވައި ތަރައްގީގެ މަޝްރޫއުތަކާއި ރައްޔިތުންގެ ކަންބޮޑުވުންތައް އެ މަނިކުފާނު ގާތުން ބައްލަވަމުން ގެންދަވާނެ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އެންމެ ފަހުން އަތޮޅު ތެރެއަށް ވަޑައިގެންފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އެފަހަރު އެމަނިކުފާނު ވަޑައިގެންނެވީ ލ. ކައްދޫ އަދި އެއަތޮޅު ގަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު