ރާއްޖެއަށް ޓެރަރިޒަމް ހަމަލާއެއް ދިނުމަށް ތައްޔާރުވަމުންދާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ތ.ތިމަރަފުށިން ހައްޔަރު ކުރި މީހުންގެ ބަންދަށް ލުޔެއް ނުދީ ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން އަމުރުކޮށްފި އެވެ.

އެ މައްސަލައިގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ފުލުހުން ހައްޔަރުކޮށްފައިވަނީ، ތިމަރަފުށީ ފެހިވިދުވަރު، އަބްދުﷲ ޝަރީފާއި އެރަށު ކެނެރީގޭ އަލީ މުނީޒާއި ހަމަ އެގޭ އަހްސަން މުހައްމަދާއި އެރަށު އަސުރުމާގޭ މުހައްމަދު އާސިރާއި އެރަށު ސައިމާ، ސަމާމު ޝަރީފްގެ އިތުރުން ރ. މަޑުއްވަރީ ބީޗްހައުސް އަބްދުﷲ އިމާދާއި ރ. ކަނދޮޅުދޫ ފެހިިވިލާ، އަލީ އަދުހަމް މުހައްމަދު އަދި ނ. ކުޑަފަރީ ރޯޒްމީޑް، އިބްރާހިމް ލޫތު އެވެ.

ހައްޔަރު ކުރި އަށް މީހުންގެ މައްޗަށް ޓެރެރިޒަމްގެ ދައުވާގެ އިތުރުން އެހެން ބައެއް ދައުވާތައް ވެސް އުފުލާފައިވާއިރު، އެ މީހުންގެ ބަންދުގެ މުއްދަތު ރިވިއު ކުރުމަށް މިއަދު ކްރިމިނަލް ކޯޓުގައި ވަނީ އަޑުއެހުމެއް ބާއްވާފަ އެވެ.

އެ މީހުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވީ ނަމަވެސް އަށް މީހުންގެ ފަރާތުން އެ މީހުންގެ ވަކީލުން އެދިފައިވަނީ ބަންދަށް ލުޔެއް ދިިނުމަށެވެ. އަދި ކޮށްފައިވާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އޭގެ ތެރެއިން ބައެއް މީހުންގެ ބަލި ހާލަތު ހުރި ގޮތުން މި ވަގުތުން ވަގުތަށް ބަންދަށް ލުޔެއް ނުލިބެއްޖެ ނަމަ ފުރާނައަށް ނުރައްކާ ވެދާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެއީ ހަނގުރާމައިގެ އުކުޅުތައް ދަސްކޮށްގެން ހުރި ކަމަށް ތުހުމަތުކޮށްފައިވާ އަލީ މުނީޒް އެވެ. އޭނާ ހައްޔަރުކުރި އިރު ބަރުދަނުގައި 73 ކިލޯ ހުރި ނަމަވެސް މިހާރު ހުރީ 45 ކިލޯ ކަމަށް ދިފާއީ ވަކީލު ފާހަގަ ކުރި އެވެ. ކާއެއްޗެއް ކާއިރަށް ހޮޑުލެވުމާއި ވަރުދެރަވުމުގެ އިތުރުން ނަފުސާނީ ގޮތުން އަސަރުތަކެއްކޮށް ފުރާނައަށް ނުރައްކާވާ ހިސާބުގައި ހުރި ކަމަށް ވަކީލު ވިދާޅުވި އެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި ދައުލަތުގެ ފަރާތުން ޕީޖީގެ ވަކީލު ވިދާޅުވީ، ހައްޔަރުކޮށްފައިވާ އަށް މީހުންގެ ފަރާތުން ވެސް މުޖުތަމައުގެ ސަލާމަތަށް ވަރަށް ބޮޑަށް ނުރައްކާ ވެދާނެ ކަމަށާއި އެހެން ކަމުން އެއްވެސް މީހަކު ބަންދުން ދޫކޮށްލަން ދައުލަތުން އިއުތިރާޒު ކުރާ ކަމަށެވެ. އަދި އަލީ މުނީޒުގެ ބަލި ހާލަތު ހުރި ގޮތުން އޭނާއަށް ހާއްސަ ޑައިޓީޝަނެއްގެ އެހީގައި ކެއުމުގެ ކަންކަން އިންތިޒާމު ކޮށް އެއްވެސް އިހުމާލުވުމެއް ނެތި ފަރުވާގެ ކަންކަން ކުރިއަށް ގެންދާ ކަމަށް ވެސް ވިދާޅުވި އެވެ.

އެ މައްސަލައިގައި ގާޒީ އަލީ އާދަމް ނިންމެވީ އަށް މީހުންގެ ބަންދަށް ލުޔެއް ނުދީ ޝަރީއަތް ނިމެންދެން ބަންދުގައި ބެއިތިއްބުމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ، ދައުލަތުން އެ މައްސަލަ ޝަރީއަތަށް ހުށަހަޅާފައިވަނީ އެކަށީގެން ވާ ވަރަށް ހެއްކާ އެކު ކަމަށާއި އަދި ޝަރީއަތުން ގަބޫލު ކުރަނީ އެ މީހުން ކުރަމުންދާ ކަމަކީ ރާވައިގެން އިންތިޒާމު ކޮށްގެން ކުރަމުން އަންނަ ކަންތައްތަކެއް ކަމަށެވެ.

ފުލުހުން އެ މީހުންނަށް ތުހުމަތުކޮށްފައިވަނީ، ތ. އަތޮޅު ތައުލީމީ މަަރުކަޒުގައި އޯލެވެލް އިމްތިހާނު ހަދަމުންދާ ވަގުތު އެ ސްކޫލުގެ ލެބޯޓަރީ ގޮއްވާލުމަށް އެ މީހުން ރާވަމުން އައި ކަމަށެވެ.