މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކުގެ މައްޗަށް ކުރާ ހަ ދައުވާގެ އަޑުއެހުން މިއަދުވެސް ކުރިއަށް ނުގެންދެވި ކެންސަލް ކޮށްފި އެވެ.

އެ މައްސަލަތަކުގައި އެންމެ ފަހުން ތާވަލު ކުރި ތިން އަޑުއެހުން ވެސް ކުރިއަށް ގެންދެވިފައެއް ނުވެއެވެ. އެންމެ ފަހުން މޭ މަހުގެ 26ގައި ތާވަލުކުރި އަޑުއެހުން ކުރިއަށް ނުގެންދެވުނީ ގާޒީ ކަރަންޓީނުގައި ހުންނެވުމުންނެވެ. އޭގެ ކުރިން ފެބުރުއަރީ މަހުގެ 25 ގައި ބޭއްވި އެ މައްސަލައިގެ އަޑުއެހުން ފެށުމަށް ފަހު ކުރިއަށް ނުގެންދެވިގެން ހުއްޓާލަން ޖެހުނީ، ކޯޓުން ނިހާނަށް ހަވާލުކުރަން ޖެހޭ ލިޔުންތަކެއް ހަވާލުކުރެވިފައި ނެތުމުންނެވެ.

މިއަދު ހެނދުނު 9:00 ޖަހާއިރު ބޭއްވުމަށް ތާވަލު ކޮށްފައިވާ އެ މައްސަލަ ކެންސަލް ކޮށްފައިވަނީ، ނިހާނުގެ ވަކީލުންގެ އެދިވަޑައިގަތުމަށް ކަމަށް ކްރިމިނަކް ކޯޓުން ވަނީ ބުނެފަ އެވެ.

ދައުވާ އުފުލުމަށްފަހު އެ މައްސަލަތަކުގައި މިހާތަނަށް ބޭއްވިފައިވަނީ އެންމެ އަޑުއެހުމެކެވެ. އެ އަޑުއެހުމުގައި ދައުލަތުން އެދުމުން ގާޒީ އަލީ އާދަމް ވަނީ، ޝަރީއަތް ނިމެންދެން ނިހާންގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެދީފަ އެވެ.

ނިހާންގެ މައްޗަށް ދައުލަތުން ކުރަނީ ރިޝްވަތު ހިފުމުގެ ކުށުގެ ތިން ދައުވާއަކާއި މަނީ ލޯންޑަރިންގެ ދައުވާއަކާއި ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެކެވެ. އަދި މި މައްސަލައިގައި އުފުލާފައިވާ ދައުވާތަކާ ގުޅިގެން ނިހާން ކުށްކޮށްގެން ހޯދާފައިވާ ފައިސާ އަދި އެއާ އެއްކޮށް ހޯދައިފައިވާ މުދާ އަދި ފައިސާ ދައުލަތަށް ނަގައިދިނުމަށް ވެސް ވަނީ އެދިފައެވެ.