މުނިފޫހިފިލުވުން

ޓައިގާ 3 ގެ ބޮޑުބައެއް ބޭރުގެ ގިނަ ގައުމުތަކެއްގައި ނެގުމަށް ތައްޔާރުވެއްޖެ

ޓައިގާ 3 ގެ ބޮޑުބައެއް ބޭރުގެ ގިނަ ގައުމުތަކެއްގައި ނެގުމަށް ތައްޔާރުވެއްޖެއެވެ.

ޝޫޓިންތަކަށް ސަލްމާން ހާން، ކެޓްރީނާ ކައިފް އަދި އިމްރާން ހާޝްމީ އަންނަ މަހުގެ 12 ގައި ޔޫރަޕުގެ ގިނަ ގައުމުތަކަށް ފުރުމަށް ހަމަޖެހިފައިވީ ނަމަވެސް، ކަޓްރީނާ ކައިފް ކާސްޓާ ގުޅުމަށް ހަމަޖެހިފައިވަނީ އެމަހުގެ ފަހުކޮޅުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އޮސްޓްރިއާ، މޮރޮކޯ، ތުރުކީ، ރަޝިއާ އަދި ޔޫއޭއީގައި މެދުނުކެނޑި ދެ މަސްދުވަހަށް ޝޫޓިންތައް ކުރިއަށް ގެންދިއުމަށް ވަނީ ތާވަލުކުރެވިފައެވެ.

މީގެ ކުރިން އަޔަލޭންޑު، ގްރީސް، ސްޕެއިން އަދި ފްރާންސުގައި މަންޒަރުތައް ނެގުމަށް ވެސް ޕްރޮޑިއުސަރުން ވަނީ ވިސްނާފައެވެ.

ބޮޑު ބަޖެޓަކުން އުފެއްދުމަށް ނިންމާފައިވާ މިފިލްމަށް އެކި ސަރަހައްދުތަކުން ގިނަ އަދަދެއްގެ އެކްޝަން ޑައިރެކްޓަރުން ހަމަޖައްސާފައިވާ ކަމަށްވެސް ފިލްމާ ގުޅޭ ގޮތުން އާއްމުކޮށްފައިވާ އެންމެ ފަހުގެ ރިޕޯޓުތައް ބުނެއެވެ.

ސަލްމާން ހާން އަދި ކެޓްރީނާ ކައިފު އެކުގައި ފެނިގެންދާ ޓައިގާ ގެ ތިން ވަނަ ފިލްމުގައި އިމްރާން ހާޝްމީ ފެނިގެންދާނީ ނެގެޓިވް ރޯލަކުންނެވެ. މި ފިލްމުގައި އިންޑިއާގެ ޓައިގާއާ ދެކޮޅަށް ޕާކިސްތާނުގެ ޓައިގާގެ ގޮތުގައި އިމްރާން ހާޝްމީ ސަލްމާން އާ ކުރިމަތިލުމަށް ވަނީ ހަމަޖެހިފައެވެ.