ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ތަހުގީގު ވަރަށް ފުރިހަމަ ކަމަށާއި އެ މައްސަލައިގައި ވަރުގަދަ ދައުވާއެއް ކުރެވޭނެ ކަމަށް އެ ތަހުގީގު ކުރިއަށްދާ ގޮތް ބެއްލެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވާފައިވާ މަންދޫބު، އައްބާސް ފާއިޒް ވިދާޅުވެއްޖެއެވެ.

އައްބާސް ވަނީ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތް ބެއްލެވުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ފުލުހުންނާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާވެސް ބައްދަލުކުރައްވައިފައެވެ.

އައްބާސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދަށް ދިން ހަމަލާއާ ގުޅޭގޮތުން ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގާ ގުޅޭ ގޮތުން މިއަދު ރައީސް ސޯލިހާ ބައްދަލުކުރައްވައި މައުލޫމާތު ހިއްސާ ކުރައްވާފައިވާ ކަމަށެވެ.

"ފުލުހުން ތަހުގީގުކޮށްފައި ވަނީ ވަރަށް ފަރުވާތެރިކަމާ އެކު ހުރިހާ ދިމާލަކުން ވެސް ބަލައިގެން. އެހެންކަމުން ޕްރޮސިކިއުޓާ ޖެނެރަލްގެ ފުރިހަމަ މަސައްކަތަށް ބަލާއިރު ކޯޓުގައި ވަރުގަދަ ދައުވާއެއް އުފުލޭނެ،" އައްބާސް ވިދާޅުވިއެވެ.

އައްބާސްއާއެކު މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވަނީ ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގާއި އެންމެހާ ކޯޓު މަރުހަލާތައް ވީހާވެސް އިންސާފުވެރިކޮށް، ދެފުށް ފެންނަގޮތަށް ކުރިއަށް ގެންދިއުމަށް އޭނާގެ އަރިހުން އެދިވަޑައިގަންނަވާފައެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގާއި އެންމެހާ ކޯޓު މަރުހަލާތައް ގާތުން ބެއްލެވުމަށްޓަކައި ރައީސް ސޯލިހު ހާއްސަ މަންދޫބެއް ކަނޑައެޅުއްވީ މިދިޔަ މޭ މަހުގެ 19 ވަނަ ދުވަހު އެވެ. އޭނާ ރާއްޖެ ވަޑައިގެންނެވީ މިމަހުގެ ދެ ވަނަ ދުވަހުއެވެ.

ހާއްސަ މަންދޫބުގެ ހައިސިއްޔަތުން މޭ ހައެއްގެ ހަމަލާއާ ގުޅޭ އެންމެހާ ތަހުގީގެއްގައި ޕްރޮސެކިއުޓަރު ޖެނެރަލް ކަނޑައަޅުއްވާ ހުދޫދުގެ ތެރެއިން އޭނާ ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. އަދި އިންސާފު ގާއިމުކުރެވެންދެން ބޭނުންވާ ހާލަތްތަކުގައި ކަމާ ގުޅޭ ލަފަޔާއި އިރުޝާދު ދެއްވައި، ތައްޔާރުކުރަންޖެހޭ ހުރިހާ ރިޕޯޓެއްވެސް ތައްޔާރު ކުރައްވާނެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ ޖިނާއީ ތަހުގީގު ފުލުހުން ކުރިއަށް ގެންދާ އިރު، އެ ހަމަލާ ދިން އިރު އެމަނިކުފާނަށް ދެމުންގެން ދިޔަ ސެކިއުރިޓީ ބްރީޗުވި ގޮތުގެ ތަހުގީގެއްވެސް ވަނީ ކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ބާރުތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ކުރިއަށް ގެންދާ އެ ތަހުގީގު ނިންމައި، މަޖިލީހުން އެ ރިޕޯޓް ވަނީ ފާސްކޮށްފައެވެ.

އެ ރިޕޯޓްގައި ބޮޑެތި ތުހުމަތުތަކަކާއި ނަޝީދަށް ސެކިއުރިޓީ ދިނުމުގައި ބޮޑެތި އިހުމާލުތަކެއް ހުރި ކަމަށް ފާހަގަކޮށްފައިވެއެވެ. އަދި މިނިސްޓަރު މާރިޔާގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކޮށްފައިނުވާ ކަމަށްވެސް ރިޕޯޓްގައިވެއެވެ.

ހުސްވި މެއި މަހުގެ ހަ ވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި ލިބިވަޑައިގެން ޒަހަމްތަކަށް ރާއްޖެއިން ފަރުވާ ހޯއްދެވުމަށްފަހު، މެއި މަހުގެ 13 ވަނަ ދުވަހު އެމަނިކުފާނު ވަނީ ފަރުވާއަށް ޖަރުމަނަށް ވަޑައިގެންފައެވެ. އަދި ބާލިންގައި ހުންނަ މިލިޓަރީ ހޮސްޕިޓަލަކުން ފަރުވާ ހޯއްދަވާފައިވެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް 8 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާ ހަވާލާދީ އެމްޑީޕީގެ "މޭ ހައެއް" ކޮމިޓީން ވަނީ ބުނެފައެވެ. ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅުން ހުރި ފަސް މީހެއްގެ ވަނަ ވަރު ފުލުހުން ވަނީ ހާމަކޮށްފައެވެ. އެއީ ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް 27، ވ. ތިނަދޫ ލަކީ، އަދުހަމް އަހްމަދު 25، މއ. ފޭރުގެ، މުޖާޒް އަހުމަދު 21، ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަހްމަދު 32، އަދި ލ. ގަން ދުންފިނިއުފާ، އަހްމަދު ފާތިހް 23، އެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ހަރުކަށި ފިކުރުގެ ވިސްނުން ގެންގުޅޭ މީހުންނެވެ.