ކުޑަކުދިންގެ މަރުކަޒުތައް ގާއިމު ކުރުން އަމިއްލަ ފަރާތްތަކަށް ހުޅުވާލައި އެކަމާބެހޭ އުސޫލުތަކާއި ކުޑަކުދިންގެ ޕެރޯލްގެ އުސޫލުތަކާބެހޭ ގަވާއިދު މިނިސްޓްރީ އޮފް ހޯމް އެފެއާޒުން މިއަދު އާއްމު ކޮށްފިއެވެ.
ކުޑަކުދިންގެ މަރުކަޒުތަކުގެ ގޮތުގައި، ތިން ވައްތަރެއްގެ މަރުކަޒުތައް، ހޯމް މިނިސްޓްރީންނާއި އަމިއްލަ ފަރާތްތަކަށް ހިންގިދާނެ ކަމަށް މި ގަވާއިދުގައި ބުނެފައިވެއެވެ.
އޭގެ ތެރޭގައި ހިމެނެނީ ކޮންމެ ކުއްޖެއްގެ ހާލަތަށް ބިނާކޮށް އެ ކުއްޖާއަށް ބޭނުންވާ ހާއްސަ ފަރުވާތައް ދެނެގަނެ، އެ ފަރުވާ ނުވަތަ ފަރުވާތައް ދިނުމަށްޓަކައި އެ ފަރުވާގެ މުއްދަތަށް ކުދިން ދިރިއުޅެވޭނެ ގޮތަށް އުފައްދާ ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރާއި، ލޯންގް ޓާމް ރެސިޑެންޝަލް ކެއާ ފެސިލިޓީއެއްގައި ނުވަތަ ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒެއްގައި ވަކި މުއްދަތެއް ހޭދަކޮށްފައިވާ ކުދީން، އަނބުރާ މުޖުތަމައަށް ނިކުތުމަށް ތައްޔާރުކުރުމަށް ބޭނުންވާ ޕްރޮގްރާމްތައް ހިންގުމަށްޓަކައި އެ ކުދީން ބެއިތިއްބުމަށް އުފައްދާ ކުޑަކުދިންގެ ޝެލްޓާ ނުވަތަ ހާފްވޭ ހައުސް އާއި ކަނޑައެޅޭ ވަކި ޝަރުތުތަކަކާއެކު، ކުއްޖާގެ އާއިލާ އާއި މުޖުތަމައު ބައިވެރި ވެވޭނެ ފަދައިން ދިގު މުއްދަތަކަށް ކުދިންނަށް ދިރިއުޅެވޭނެ ގޮތަށް އުފައްދާ ލޯންގް ޓާމް ރެޒިޑެންޝަލް ކެއާ ފެސިލިޓީ އެވެ.
މިފަދަ މަރުކަޒުތައް ހިންގުމަށް އަމިއްލަ ފަރާތްތަކަށް ފަސް އަހަރު ދުވަހުގެ ލައިސަންސެއް ދޭގޮތަށް އެ ގަވާއިދުގައި ވަނީ ކަނޑައަޅައިފައެވެ.
އެފަދަ މަރުކަޒުތައް ހިންގުމަށް، ބޭނުންވާ ލައިސަންސަށް އެދި ހުށަހެޅޭނެ ފަރާތްތަކާއި އެފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތަކާއި ހުށަހަޅަން ޖެހޭ ލިޔުންތަކާބެހޭ މައުލޫމާތުވެސް މި ގަވާއިދުގައި ހިމަނާފައިވެ އެވެ. އަދި އެކަމަށް ޓަކައި ދޭ ލައިސަންސް ސަސްޕެންޑް ކުރުމާއި ބާތިލު ކުރުމާބެހޭ އުސޫލުތައްވެސް މި ގަވާއިދުގައި ހިމަނާފައި ވެއެވެ.
އެތަންތަނުން ދޭ ހިދުމަތުގެ އަގުތައް ކަނޑައަޅާނެ ގޮތްތަކާއި، އެފަދަ މަރުކަޒެއް ހިންގާ އިމާރާތުގައި ހުންނަން ޖެހޭ މިންގަނޑުތަކާއި، ލިބެން ޖެހޭ ހިދުމަތްތަަކާއި، ދެވޭ އަންނައުނާއި ކާނާ އާއި ތައުލީމު އުނގެނުމާބެހޭ ކަންތައްތައްވެސް ހިމަނާފައިވެ އެވެ.
ގަވާއިދުގައި ވާގޮތުން ސާނަވީ ތައުލީމު އުނގެނޭ އުމުރުގެ ދަރިވަރުންނަށް އެ ކުއްޖެއްގެ އުމުރާ ގުޅޭ ގޮތުން ގައުމީ މަންހަޖުގައި ހިމެނޭ މާއްދާތައް ކިޔަވައިދިނުމުގެ އިންތިޒާމު މަރުކަޒުން ހަމަޖައްސައިދޭންވާނެއެވެ. އަދި މަރުކަޒުގައި ތިބޭ ކުދީންގެ ތެރެއިން ސާނަވީ ތައުލީމު ނިމިފައިވާ ކުދީންނަށް އެ ކުދީންގެ އުމުރާ ގުޅޭ ތަމްރީނު ޕްރޮގްރާމްތައް ހިންގަންވާނެއެވެ.
އެތަންތަނުގައި ކުޅިވަރު ކުޅުމާއި މުނިފޫހި ފިލުވުމުގެ ވަސީލަތްތައް ގާއިމު ކުރުމުގެ އުސޫލުތައްވެސް އެ ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. އަދި އެ ތަންތަނުގައި ތިބޭ ކުދީންނަށް ސިއްހީ ފަރުވާއެއް ދޭން ޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ، ލަސް ނުކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހުންނަން ވާނެ ކަމަށްވެސް ބުނެފައިވެއެވެ.
މުވާސަލާތީ ވަސީލަތްތަކާއި އާއިލީ ބައްދަލުވުންތައް މެދުވެރިކޮށް ގަވާއިދުން އާއިލީ ބައްދަލުވުންތައް ކުއްޖާގެ ބެލެނިވެރިންނާ އެކު ގަވާއިދާ އެއްގޮތަށް ކުރިއަށް ގެންދަން ވާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެ މަރުކަޒުތަކުގައި ތިބޭ ކުދީން އެތަންތަނުގެ ގަވާއިދުތަކާއި އުސޫލުތަކާ ހިލާފުވުމުން، އިސްލާހު ކުރުމަށް ފިޔަވަޅު އެޅުމުގައި ކުއްޖާގެ ނަފުސާނީ ހާލަތު އެ ވަގުތު ހުރި ގޮތަށާއި، ކުއްޖާ އެފަދަ އަމަލެއް ހިންގުމަށް މެދުވެރި ވި ސަބަބުތަކަށް ރިއާޔަތް ކުރަން ވާނެ ކަމަށްވެސް ބުނެފައިވެއެވެ.
މަރުކަޒުތަކުގައި ތިބޭ ކުދީން އިސްލާހުކުރުމުގެ ގޮތުންވެސް އެއްވެސް ޖިސްމާނީ ނުވަތަ ނަފުސާނީ އަނިޔާއެއް ލިބޭ ފަދަ އެއްވެސް އަމަލެއް ނުވަތަ އިހުމާލު ވާ ފަދަ އެއްވެސް އަމަލެއް ނުވަތަ ކުއްޖާގެ ކަރާމާތަށް އެއްވެސް އުނިކަމެއް ލިބޭނެ ފަދަ އަމަލެއް ހިންގައިގެން ނުވާނެ ކަމަަށްވެސް ބުނެފައިވެ އެވެ.
އެ ފަދަ އެންމެހައި މަރުކަޒުތަކުގައި ތިބޭ ކުދީންގެ ތެރެއިން، ކޯޓު އަމުރުގައި ބަޔާން ކުރާ މުއްދަތުގެ، ކަނޑައެޅިފައިވާ ވަކި މިންވަރެއް ތަންފީޒު ވެ ނިމިފައިވާ ކުދީން، މުޖުތަމައުގެ ރައްކާތެރިކަން ނުގެއްލޭނެ ގޮތެއްގެ މަތީން މުޖުތަމައަށް އަލުން އަހުލުވެރި ކުރުވުމަށް ޓަކައި، ކަނޑައެޅޭ ވަކި ޝަރުތު ތަކަކާއެކު ޕެރޯލްގެ ދަށުން ދޫކުރުން ނުވަތަ ކުއްޖާ ހުރި މަރުކަޒަށްވުރެ ކުއްޖާއަށް މިނިވަންކަމާއެކު އުޅެވޭނެ އެހެން މަރުކަޒަކަށް ބަދަލުކުރުމުގެ ފުރުސަތު ލިބިދޭނެ ގޮތްތައްވެސް ގަވާއިދުގައި ވަނީ ބަޔާން ކޮށްފައެވެ.
އެކަންކަމަށް ހުށަހަޅާ ހުށަހެޅުންތަކާ މެދު ގޮތް ނިންމުމަށް "ޖުވެނައިލް ޕެރޯލް ކޮމިޓީ"ގެ ނަމުގައި ހޯމް މިނިސްޓަރު ކޮމިޓީއެއް އުފައްދަންވާނެ ކަމަށްވެސް ގަވާއިދުގައި ބުނެފައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު