މަރާލުމަށްފަހު ފޮށްޓަކަށް ލައި ހުޅުމާލޭ މޫދަށް އެއްލާލާފައި އޮއްވައި ފެނުނު ކުޑަ ކުއްޖާގެ ހަށިގަނޑު އިންޑިއާއިން ޕޯސްޓްމޯޓަމް ހެދުމަށްފަހު މިއަދު ރާއްޖެ ނެނެސްފި އެވެ.
ފުލުހުން މިއަދު "ވަން"އަށް ބުނީ މަރާލާފައި އޮއްވައި ފެނުނު ކުޑަކުއްޖާގެ ހަށިގަނޑު މިއަދުގެ ވަގުތެއްގައި މާލެ ގެނެސްފައިވާ ކަމަށެވެ.
މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މީހުން ދިރި ނޫޅޭ ސަރަހައްދުގެ މޫދު ތެރެއިން ފެނުނު އެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިއާގެ ޓްރިވެންޑުރަމަށް ފޮނުވާލާފައި ވަނީ މި މަހުގެ ފަސް ވަނަ ދުވަހު މޯލްޑިވިއަންގެ ފްލައިޓެއްގަ އެވެ.
"ވަން" އެނގިފައިވާ ގޮތުގައި އެ ކުއްޖާގެ ހަށިގަނޑު މިހާރު ވަނީ އާސަހަރާ އަށް ގެންގޮސްފަ އެވެ. ކަށުނަމާދު ކުރުން އޮތީ މިއަދުގެ މަޣުރިބު ނަމާދުގެ ފަހުގަ އެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުން، އެ ކުއްޖާއަކީ ރަހީނު ކޮށްގެން ގެންގުޅުނު ކުއްޖެކެވެ. އެކަމުގެ ރިޕޯޓު އާއިލާގެ ފަރާތުން ހުށަހަޅާފައި ވަނީ މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހުއެވެ. ކުއްޖާގެ ހަށިގަނޑު ފެނުނީ ޖެހިގެން އައި ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ.
މި މައްސަލައިގައި އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކާއި 27 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.
އޭގެ ތޭރެއިން 17 އަހަރުގެ ފިރިހެން ކުއްޖާގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް ވަނީ އިތުރު ކޮށްފަ އެވެ. އެގޮތުން ފުރަތަމަ ބަނަދަށް ޖެހި 15 ދުވަސް ހަމަވުމުން އަނެއްކާ އިތުރު 13 ދުވަސް ބަންދަށް ވަނީ ޖަހާފަ އެވެ. އަދި 27 އަހަރުގެ މީހާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އެ މީހުންނަށް ކުރަނީ ގަސްދުގައި މީހަކު މެރިކަމުގެ ތުހުމަތާއި ޖިންސީ ގޯނާގެ ތުހުމަތާއި މީހަކު ރަހީނު ކުރި ކަމުގެ ތުހުމަތުގެ އިތުރުން މާރާމާރީ ހިންގި ކަމުގެ ތުހުމަތެވެ.
ޚަބަރު
ޚަބަރު
ޚަބަރު