ޖާންވީ ކަޕޫރު އޭނާއަށް ބޭބެ ކިޔައި މުހާތަބު ކުރުމުން ވަރަށް ތަފާތު ގޮތެއް ހުންނަ ކަމަށް އަރުޖުން ކަޕޫރު ބުނެފިއެވެ.

އަރުޖުން އަށް މިހާތަނަށް ބޭބެ ކިޔަމުން އައިސްފައިވަނީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަންޝުލާ އެކަނި ކަމަށާއި އަދި އެގޮތަށް ހޭނިފައި ހުންނަކަމަށް އަރުޖުން ވަނީ ބުނެފައެވެ.

އަރުޖުން މިވާހަކަ ދައްކާފައިވަނީ ބޮލީވުޑް ފިލްމު ކްލަބުން އާދިއްތަ ދުވަހު ކުރިއަށް ގެންދިޔަ ކްލަބްހައުސް ސެޝަނެއްގައި ދެއްކި ވާހަކައެއްގެ ތެރެއިންނެވެ. ސެޝަންގެ މޮޑަރޭޓަރު އަނުރަދާ ގުހާ ވަނީ މީގެ ކުރިން ކޮފީ ވިތު ކަރަންގެ އެޕިސޯޑެއްގައި ޖާންވީ އަރުޖުން އަށް ''އަރުޖުން ބައްޔާ'' ކިޔައި މުހާތަބު ކުރި ވާހަކައަށް އަލިއަޅުވާލައިފައެވެ. އަރުޖުން ބުނެފައިވަނީ އަންޝުލާ އޭނާއަށް ބާއީ ނުވަތަ ބޭބެ ކިޔައި އުޅެނީ ތަފާތު ގޮތަކަށް ކަމަށް ވެފައި، ޖާންވީ އޭނާއަށް އަރުޖުން ބައްޔާ ނުވަތަ ބޭބެ ކިޔުން ވީ ތަފާތު، އާ ކަމަކަށް ކަމަށެވެ.

އަރުޖުން އިތުރަށް ބުނީ ޖާންވީ އޭނާއަށް ވަކި ނަމަކުން މުހާތަބު ކުރަން އެދިފައި ނުވާނެ ކަމަށެވެ. އަރުޖުން އަދި އަންޝުލާ ކަޕޫރަކީ ޕްރޮޑިއުސަރު ބޯނީ ކަޕޫރުގެ ފުރަތަމަ އަންހެނުންނަށް ލިބިފައިވާ ދެދަރީންނެވެ. ބަތަލާ ޖާންވީ ކަޕޫރު އަދި ހުޝީ ކަޕޫރަކީ ބޯނީ ކަޕޫރު ފަހުން ޝްރީދޭވީއާ ކައިވެނިކޮށްގެން ލިބިފައިވާ ދެދަރިންނެވެ.

މީގެ ކުރިން މީޑިއާއަކަށް ދީފައިވާ އިންޓަވިއުއެއްގައި އެ އެންމެންނަކީ ވަރަށް ގުޅިގެން އުޅޭ ބަދަހި އާއިލާއެއް ކަމަށް ބުނުން ވާނީ ދޮގަކަށް ކަމަށް އަރުޖުން ވަނީ ބުނެފައެވެ. ނަމަވެސް އެންމެންވެސް ގުޅިގެން މަސްލަހަތު ވީ އެންމެ ރަނގަޅަކަށް އުޅެވޭތޯ މަސައްކަތްކުރަމުން އަންނަކަމުގައި އަރުޖުން ވަނީ ފާހަގަކޮށްފައެވެ.

އަރުޖުން ކަޕޫރު އަދި އަންޝުލާ ކަޕޫރު އާއި ޝްރީދޭވީގެ ދެ ކުދިން ކަމަށްވާ ޖާންވީ ކަޕޫރު އަދި ހުޝީ ކަޕޫރާއި ދެމެދު ގުޅުން ބަދަހިވާން ފެށީ 2018 ވަނަ އަހަރު ޝްރީދޭވީ މަރުވި ހާދިސާއަށްފަހުގައެވެ.