ޚަބަރު

ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުން 300 އަށްވުރެ ގިނަ ގޮޅި ކުއްޔަށް ދޫކުރަނީ

ރިފާ ހަލީލު

މިހާރު ވެސް ގޮޅިތައް ހިންގާ ފަރާތްތަކަށާއި ގިނަ ދުވަސްތަކެއް ވަންދެން ގޮޅި ހިންގާފައިވާ ފަރާތްތަކަށް އިސްކަން ދީ، ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުން 300 އަށްވުރެ ގިނަ ގޮޅި ކުއްޔަށް ދޫކުރުމަށް މާލޭ ސިޓީ ކައުންސިލުން އިއުލާނު ކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އަކަފޫޓެއް 31.25ރ. އަށް 349 ގޮޅިއެއް ދެ އަހަރު ދުވަހަށް ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި ގޮޅިތައް ކުއްޔަށް ދޫކުރުމުގައި އިސްކަން ދޭނީ ގިނަ ދުވަސްތަކެއް ވަންދެން ގޮޅި ހިންގި ފަރާތްތަކަށާއި މިހާރުވެސް ގޮޅި ހިންގަމުން އަންނަ ފަރާތްތަކަށް ކަމަށެވެ. އޭގެ ތެރެއިންވެސް އަމިއްލަ ގޮޅީގައި ތިބެގެން ގޮޅި ހިންގާ ފަރާތްތަކަށް ބޮޑަށް އިސްކަން ދޭނެ ކަމަށެވެ.

ސިޓީ ކައުންސިލުން ބުނީ މާކްސް ދިނުމުގައި ބިދޭސީން ނުގެންގުޅޭ ފަރާތްތަކަށް ގިނަ މާކްސް ލިބޭނެ ކަމަށެވެ. އަދި ކޮންމެ މީހަކަށްވެސް އެއް ފޯމު ލިބޭނެ ކަމަށާއި ގުރުއަތުގައި ބައިވެރި ވެވޭނީ 50 ޕޮއިންޓް ލިބިގެން ކަމަށެވެ.

ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭތް ގޮޅިތައް ބެހިފައިވާ ގޮތް:

  • ލޯކަލް މާރުކޭޓުގައި ތަރުކާރީ އާއި މޭވާ ވިއްކަން ހާއްސަ 100 ގޮޅި
  • ލޯކަލް މާރުކޭޓުގައި ލުއިކާނާ އަދި ލުއި ބުއިންތަކަށް ހާއްސަ 35 ގޮޅި
  • ލޯކަލް މާރުކޭޓުގައި ވަޅޯމަސް ވިއްކަން ހާއްސަ 32 ގޮޅި
  • ލޯކަލް މާރުކޭޓުގައި އިމްޕޯޓް މުދަލާއި ގަޑި ކަމަރު ވިއްކަން ހާއްސަ 19 ގޮޅި
  • ދަތުރުވެރިންގެ މާރުކޭޓުގައި ތަރުކާރީ އާއި މޭވާ ވިއްކަން ހާއްސަ 163 ގޮޅި

މީގެ އިތުރުން ސިޓީ ކައުންސިލުން ބުނީ ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުން ދޫކުރާ ގޮޅިތަކުން ވިއްކޭ ބާވަތްތައް ކަނޑައަޅާނީ އެ ކައުންސިލުން ކަމަށެވެ. މާރުކޭޓު ތަކާއި ގުޅިގެން އުސޫލެއް އެކުލަވާލާފައިވާނޭ ކަމަށާއި އެ އުސޫލުގައި ބުނެފައިވަނީ ގޮޅިތަކުގައި ވިއްކޭނީ ކައުންސިލުން ކަނޑައަޅާ ތަކެތި އެކަނި ކަމަށެވެ.

ގޮޅިތަކަށް އެދި ފޯމް ހުށަހަޅާއިރު، އެ މީހަކު ގޮޅި ކުއްޔަށް ނަގައިގެން ކުރަން ބޭނުންވާ ވިޔަފާރިއެއް ހިޔާރުކުރަން ޖެހޭނެ ކަމަށާއި އަދި އެކެއްގެ ނަން މަތީގައި އެއް ފޯމަށް ވުރެ ގިނަ ފޯމް ހުށަހަޅައިފި ނަމަ، ހުރިހާ ފޯމެއް ބާތިލު ވާނެ ކަމަށްވެސް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ގޮޅީގައި ކުރަން ބޭނުންވާ ވިޔަފާރި ހިޔާރު ނުކޮށް ފޯމް ހުށަހަޅާ މީހުންގެ ފޯމާއި ކައުންސިލުން ކުރިން ދީފައިވާ އެއްވެސް ހިދުމަތަކަށް ފައިސާ ނުދައްކާ ތިބި މީހުންގެ ފޯމް ވެސް ބާތިލު ވާނެ ކަމަށް އެ ކައުންސިލުން ވަނީ ބުނެފަ އެވެ.

މާރުކޭޓްތަކުން ގޮޅި ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން އަންނަ އޮގަސްޓު މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް، ފޯމް ފުރިހަމަ ކުރުމަށްފަހު ހުށަހެޅުމަށް ވަނީ އެދިފަ އެވެ.