ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ޖެހޭ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.
އަވަސް އިން މިއަދު ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ސަނީފް ވިދާޅުވީ 2007 ވަނަ އަހަރު އެމްޑީޕީން ބޭނުންވި ގޮތަށް، ބަރުލަމާނީ ނިޒާމެއް ގެންނަން ވަރަށް ގިނަ މަސައްކަތްތައް ކުރެވުނު ކަމަށާއި އެކަމުގައި އިސްކޮށް ހަރާކާތްތެރިވެވުނު ކަމަށެވެ.
ސަނީފް ވިދާޅުވީ އޭރު ބަރުލަމާނީ ނިޒާމެއް ގެންނަން މަސައްކަތް ކުރީ ވަރަށް ބޮޑަށް ދިރާސާ ކުރުމަށްފަހު އެ ނިޒާމުގައި ވަރަށް ގިނަ ފައިދާތަކެއް ހުރުމުން ކަމަށެވެ. ނަމަވެސް މިއީ ވެރިކަމުގެ އާ ނިޒާމެއް ގެންނަން ޖެހޭ ވަގުތެއް ނޫން ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލެއް ނުކުރަން އަދި ބަރުލަމާނީ ނިޒާމަކަށް މަސައްކަތް ކުރަންޖެހޭ ކަމަކަށް. އަޅުގަނޑުމެން ގަބޫލު ކުރަނީ ނިޒާމުގެ ތެރޭގައި ދައުލަތް ހިންގުމުގެ ނިޒާމް ކަމަށް ބަދަލުވާން ޖެހޭނީ،" ސަނީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ މައްސަލައަކީ މިހާރު ހިންގާ ވެރިކަމުގެ ނިޒާމު ހަރުދަނާ ނުކުރެވުން ކަމަށެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މިހާރު އޮތް ރިޔާސީ ނިޒާމް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވީ ނިޒާމުގެ ބަހުސްގެ ކުރިން ރަނގަޅު ކުރަން ޖެހޭ އަދި ގައުމާއި ރައްޔިތުންނަށްޓަަކައި ކުރަންޖެހޭ އެއަށްވުރެ މާގިނަ މަސައްކަތްތައް އެބަހުރި ކަމަށެވެ. އަދި ވިދާޅުވީ ގައުމުގެ ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުން ރައްޔިތުންނާއި ގައުމަށް ވަފާތެރިވެ އިހުލާސްތެރިވެއްޖެނަމަ ނިޒާމުވެސް ރަނގަޅުވެ، މައްސަލަތައް ވެސް ހައްލުވީ ކަމަށެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށްއެދި، ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅުއްވައިފައެވެ. ނަމަވެސް ރައީސް ވިދާޅުވީ އެކަމާމެދު ވިސްނާނެ ވަގުތު ނެތް ކަމަށާއި ހުރިހާ ފޯކަސް އެއް އޮތީ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމަށް ކަމަށެވެ.
"އާސްކް ސްޕީކާ" ގެ ތިން ވަނަ ޕްރޮގްރާމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޝީދު ރޭ ވިދާޅުވީ ރާއްޖޭގައި ރިޔާސީ އިންތިހާބެއް ބޭއްވުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށާއި ގާނޫނު އަސާސީއަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. އަދި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭ ކަމަށާއި އަންނަ އަހަރު ނިޒާމުގެ ވޯޓެއް ނަގަން ފެންނަ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ ހިންގުން ރަނގަޅުވެގެންދާނީ ބަރުލަމާނީ ނިޒާމެއްގައި. އެ ބަދަލު ގެނައުމަށްޓަކައި 2022 ވަނަ އަހަރުގެ ތެރޭގައި ފެންނަ ނުފެންނަ ވޯޓެއް ނެގުން އެއީ ބޭނުންތެރި ކަމެއް،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މި ބަދަލަށް ޕީޕީއެމުންވެސް ތާއީދު ކުރާނެ ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްވެސް ވަނީ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާކަމަށް ކުރިން ވިދާޅުވެފައި ކަމަށެވެ. އެހެންކަމުން އެމްޑީޕީ އާއި ޕީޕީއެމް ގުޅިގެން މި ބަދަލު ގެނައުމަށް ވޯޓް ނަގައި ބަރުލަމާނީއަށް ބަދަލު ގެނެވޭނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ނުދެކެން ރިޔާސީ އިންތިހާބެއް ރާއްޖޭގައި އޮންނާނެ ކަމަކަށް. އަޅުގަނޑު ދެކެނީ ރައީސް ޔާމީން އަޅުގަނޑާ އެކުގައި ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމުގައި މަސައްކަތް ކުރައްވާނެ ކަމަށް. އަދި ފެންނަ ނުފެންނަ ވޯޓެއް ނަގާއިރެއްގައި އަޅުގަނޑު ދެކެނީ ޕީޕީއެމާއި އެމްޑީޕީއާ އެކުގައި ތިބެގެން ވޯޓަށް އަޅުގަނޑުމެންނަށް ދެވޭނެކަން،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމު ގެނައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެއްވެސް އިރެއްގައި ދެކޮޅު ނުހައްދަވާ ކަމަށާއި އެމަނިކުފާނު ކުރައްވާ އެއްވެސް ކަމަކަށް ރައީސް ސޯލިހް ދެކޮޅު ނުހައްދަވާނެ ކަމަށެވެ. އަދި ވިދާޅުވީ، ބަރުލަމާނީ ނިޒާމް ގެނައުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.
ނަޝީދު އިތުރަށް ވިދާޅުވީ ބޮޑުވަޒީރާއެކު މަޖިލީހުގެ ތެރެއިން ސަރުކާރު ހިންގުމުން ރައްޔިތުންނަށް ފައިދާ ކުރާނެ ކަމަށާއި ތަރައްގީގެ ދުވެލިވެސް ބާރުވެގެންދާނެ ކަމަށެވެ. އެ ބަދަލު ގެނައުމަށްޓަކައި މަސައްކަތް ކުރާނެ ކަމަށާއި އެ ބަދަލު ގެނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު