ކުރިއަށް އޮތް ބޮޑު އީދޫގައި ގިނަމީހުން އެއްވެގެން ބާއްވާ ހަރަކާތްތައް ނުބޭއްވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

ކޮވިޑްގެ ހާލަތު ރަނގަޅުވަމުން އަންނާތީވެ، އެޗްޕީއޭއިން ވަނީ މިދިޔަ ހަފުތާގައި ބޮޑެތި ލުއިތަކެއް ދީފައެވެ. އެގޮތުން ދެ ޑޯޒް ފުރިހަމަކޮށް، ދެ ހަފުތާވެފައިވާ މީހުންނަށް ރަށްރަށަށް ދަތުރުކުރެވޭ ގޮތާށާއި ކުޑަކުދިންނަށްވެސް ޕީސީއާރް ނެގެޓިވް ނަތީޖާއާއެކު ރަށްރަށަށް ދަތުރު ކުރެވޭ ގޮތަށް ވަނީ ލުއި ދީފައެވެ.

މިގޮތަށް ލުއި ދިނުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ޗުއްޓީއަށް ރަށްރަށަށް ގޮހެވެ. އަދި އީދަށް ރަށްރަށަށް ދާން ގިނަ ބަޔަކު އަންނަނީ ތައްޔާރުވަމުންނެވެ.

އެކަމާ ގުޅިގެން އެޗްޕީއޭއިން މިރޭ ނެރުނު އިއުލާނެއްގައި ވަނީ ޗުއްޓީ ހޭދަކުރުމަށް ތަންތަނަށް ދަތުރުކުރުމުގަ އާއި އީދުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށެވެ.

އެގޮތުން ވައިގެ މަގުންނާއި ކަނޑު މަގުން ދަތުރުކުރާއިރު، ރަނގަޅަށް މާސްކް އަޅައި، މަދުވެގެން ތިން ފޫޓުގެ ގައިދުރުމިން ބެހެއްޓުމަށް އެދިފައެވެ. އަދި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް އާއްމު ތަންތަނުގައި އުޅޭއިރު، ނޭފަތާއި އަނގަ ރަނގަޅަށް ފޮރުވޭގޮތަށް މާސްކް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

"ގިނަމީހުން އެއްވެގެން ބާއްވާ ހަރަކާތްތައް ނުބޭއްވުން. އީދު ފާހަގަކުރުމަށްވެސް ގިނަ މީހުން އެއްވެ ނޫޅެވޭ ފަދަ ހަރަކާތްތައް އިހުތިޔާރުކުރުން އަދި އެއް ރަށުން އަނެއް ރަށަށް މީހުން އައިސްގެން ބާއްވާ ހަރަކާތްތައް ނުބޭއްވުން،" އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ވަނީ ކުޅިވަރު މުބާރާތްތައް ނުބޭއްވުމަށްވެސް އެދިފައެވެ. އަދި ކެފޭ ރެސްޓޯރަންޓްތަކާއި ފިހާރަތަކާއި ޕާކްތަކާއި މައިޒާން ފަދަ ތަންތަން ބޭނުންކުރާއިރު ކަނޑައެޅިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރަން ވެސް އެދިފައެވެ.

މީގެ އިތުރުން ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިންގެ ލަފާ ހޯދުމާއި ފްލޫ ކްލިނިކަށް ދައްކާ ޓެސްޓު ކުރުމަށާއި ނަތީޖާ ލިބެންދެން ގޭގައި މަޑުކުރުމަށް އެދިފައެވެ. އަދި ކަރަންޓީނުގައި ތިބެންޖެހޭ ފަރާތްތަ އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރުމަވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.